ކޮވިޑް-19 ޖެހިގެން ފާއިތުވި 39 ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވީ އިއްޔެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިއްޔެ މުޅި ދުނިޔެ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންވި މީހުންގެ ޖުމްލަ އަދަދު 6592 އަށް އަރައެވެ.

އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވެސް ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ. އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އިއްޔެ 142552 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އިއްޔެ އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އިންޑިއާ އިންނެވެ. އިންޑިއާ އިން އިއްޔެ 2006 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ބްރެޒިލް އިން އިއްޔެ 1338 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ދެން އިއްޔެ އެންމެ ގިނަ މީހުން މަރުވީ އެމެރިކާ އިންނެވެ. އެމެރިކާ އިން އިއްޔެ 849 މީހަކު މަރުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އެއް ސަބަބަކީ އާބާދީ ބޮޑު، ނަމަވެސް ސިއްހީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެން ނެތް އިންޑިއާ އާއި ބްރެޒިލްގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވުމެވެ.

އިންޑިއާ އާއި ބްރެޒިލްގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު، އެދެގައުމުގެ ހާލަތު އަވަހަށް ރަނގަޅު ވެދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ. އެމެރިކާ ގައި ވެސް ގައިދުރުކަމަށް އިސްކަން ނުދީ، ގިނަ ބަޔަކު އުޅެމުން ދާތީ ބަލި އިތުރަށް ފެތުރި، އެމެރިކާގެ ހާލަތު ވެސް ވަރަށް ބޮޑަށް ގޯސް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު