ޕާކިސްތާނުގައިވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން އަނެއްކާވެސް ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 136 މީހެެކެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2975 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 5839 މީހަކު މި ވައިރަސްއަށް ވަނީ ފައްސިވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 154760 އަށް އަރާފައެވެ.

ޕާކިސްތާނުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށް އެގައުމުގެ މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ އެގައުމުން 136 މީހަކު މަރުވެފައިވާއިރު، އިއްޔެ އެގައުމުން މަރުވެފައިވަނީ 110 މީހުންނެވެ.

ޕާކިސްތާނަކީ މިހާތަނަށް ދުނިޔެއިން 15 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ.

އެގައުމުން މި ބަލި ޖެހިގެން 56,390 މީހަކު ރަނގަޅުވެފައިވާއިރު، ފަރުވާ ދެމުން އަންނަ 89,692 މީހުންގެ ތެރެއިން ހާލު ދެރަވެގެން 111 މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު