ކޮވިޑް-19 ފެތުރުން ނުހުއްޓޭ ކަމަށާއި، ގައިދުރުކަން ބަހައްޓައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ހުއްޓުމެއް ނެތި އެދެމުން ގެންދިޔަ ނަމަވެސް އެކަން ގަބޫލު ނުކުރާ އެތައް ބަޔަކު އެބަތިއްބެވެ. މިއީ ވެސް އެފަދަ ބަޔަކަށް ދިމާވި ހާދިސާއެކެވެ.

އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ 16 ރަހުމަތްތެރިން ބާއަކަށް ގޮސް ދާދިފަހުން ޕާޓީ ކުރީ ކޮވިޑް-19 އާއި ގުޅިގެން ފްލޮރިޑާ ފުރަބަންދު ކޮށްފައި ބޭއްވުމަށްފަހު ބައެއް ލުއިތައް ދިނުމުން އެކަމުގެ އުފާ ފާޅުކުރުމަށެވެ.

ޕާޓީކުރި ރަހުމަތްތެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި އެކަކު ކަމަށްވާ ކޭޓް ލައިޓަން "ސީއެންއެން" އަށް މައުލޫމާތު ދެމުން ބުނީ ފުރަބަންދަށް ލުއިތައް ދިނުމުން އެމީހުންނަށް ހީކުރެވުނީ ކޮވިޑް-19 ގެ ނުރައްކަލުން އަރައިގަނެވުނީ ކަމަށެވެ.

"ނަމަވެސް އެހެނެއް ނުވޭ. އަހަރެމެން ބޭނުން އެންމެނަށް ވެސް މިވާހަކަ ކިޔައިދޭން. އަދި ގެއިން ނިކުމެ އުފާފާޅުކުރަން މާއަވަސް." ކޭޓް ބުންޏެވެ.

ކޭޓް ބުނި ގޮތުގައި އެމީހުން ދިޔަ ބާ އޮތީ ވަރަށް ބޮޑަށް ފުރި ތޮއްޖެހިފައެވެ. ބާގައި އެއްވެސް މީހަކު މާސްކް އަޅައިގެން ނެތެވެ.

ކޮވިޑް-19 އަށް ފައްސިވި އެކަކު ކަމަށްވާ ޑަރާ ސްވީޓް ބުނީ ކޮވިޑް-19 އަށް ރަހުމަތްތެރިން ފައްސިވަމުން ދިޔަ ކަމުގެ މެސެޖް އައީ "ބޫމް، ބޫމް" ކިޔާފައި އަވަސް އަވަހަށް ކަމަށެވެ. އެމީހުންގެ ނަސީބު ރަނގަޅު ކަމުން އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނުވެއެވެ. ގިނަ މީހުންގެ ކިބައިން ފެނުނީ ބަލީގެ ވަރަށް ކުދިކުދި އަލާމާތްތަކެކެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެމެރިކާގެ ސްޓޭޓްތައް ބަންދު ކުރުމަށް ފަހު މިހާރު ވަނީ ހުޅުވާލާފައެވެ. ހުޅުވާލުމާއި އެކު އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.