ކޮވިޑަށް ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ހޯދުނު އެންޓި އިންފްލެމޭޓަރީ ބޭހެއް ކަމަށްވާ ޑެކްސަމެތަސޯ ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން އެގައުމުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނަކަށް ދީފިއެވެ.

ޑެކްސަމެތަސޯން އަކީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އެ ބޭހުގެ ދަށް ޑޯޒެއް ބޭނުންކޮށްގެން ކުރި ދިރާސާތަކުން ޔަގީންކަން ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ދިރާސާ ކުރި ސައިންސްވެރިން ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެން ފެށި އިރު މި ބޭސް ބޭނުންކުރި ނަމަ 5000 މީހެއްގެ ފުރާނަ ސަލާމަތްކުރެވުނީހެވެ. އެ ގައުމުން ވަނީ މި ބަލީހައި 41000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

މިއީ އަގު ހެޔޮ އަދި ފަސޭހައިން ލިބޭ ބޭހަކަށް ވުމުން މިއީ ކޮވިޑް-19ގެ ނުރައްކާ ބޮޑު ފަގީރު ގައުމުތަކަށް ވަރަށް މުހިންމު ބޭހަކަށް ވާނެކަން ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ މެޓް ހެންކޮކް މިއަދު އިނގިރޭސިވިލާތުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ އިދާރާތަކަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ޑެކްސަމެތަސޯ ބޭނުން ކުރުމުގެ ހުއްދަ މިހާރުން މިހާރަށް ދީފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކަށް ޑެކްސަމެތަސޯ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް ހެލްތު ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

ޑެކްސަމެތަސޯ އަކީ ކޮވިޑް-19 ޖެހިގެން ހަމައެކަނި ހާލު ސީރިއަސްވާ މީހުން ބަލިން ރަނގަޅު ވުމަށް އެހީތެރިވެދޭ ބޭހަކަށް ވާތީ އަމިއްލައަށް އެބޭސް ގަނެގެން ގޭގައި ބޭނުން ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ވަނީ އާއްމުންނަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯނު

    މިކަމުގެ ހުރިހާ ތާރީފެއް ސައެންސްވެރީންނަށް