ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، މި ބަލީގައި އިތުރު 341 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިންޑިއާ އިން އިތުރު 13,103 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމުން، މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 367,264 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12,262 އަށް އަރާފައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އަދި އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ހަލުވިކަމާއެކު މިބަލި މިހާރު ފެތުރެމުންދާ ޤައުމަކީވެސް އިންޑިއާ އެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު، އެޤައުމުން ބަލި ފެނުނުތާ 80 ދުވަސްތެރޭ މަރުވި މީހުންގެ އަދަދު ވަނީ ފަސްހާހަށް އަރާފައެވެ. އޭގެ ފަހުން އެންމެ 17 ދުވަސް ތެރޭ މި އަދަދު ވަނީ ދިހަ ހާހަށް އަރާފައި ވާއިރު، މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ އެކަނިވެސް މަރުވި މީހުނެގެ އަދަދު 2500 އަށްވުރެ އިތުރެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 194,438 މީހެކެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 160,564 މީހަކަށެވެ. ނަމަވެސް އޭގެތެރެއިން 8944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު