ސައުދީ އަރަބިއްޔާގައި ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ނިންމައިފިއެވެ.

ސައުދީގެ ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން މިހާރު އިއުލާނުކޮށްފައި ވާއިރު، އެ ކޮމިޝަނުން ވިދާޅުވެފައި ވަނީ މިއީ ސައުދީ ރަސްގެފާނުގެ ނިންމެވުމެއް ކަމަށެވެ.

ސައުދީގައި މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، އެޤައުމުގައި އާންމު ކުށްތަކުގައި ކުށްވެރިވާ މީހުންނަށް ދުއްރާއިން އަދަބުދިނުން ހުއްޓާލައި، އެފަދަ މީހުން ޖަލަށްލުމަށް ނުވަތަ ޖޫރިމަނާކުރުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައި ވަނިކޮށެވެ. ނަމަވެސް އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށް އެޤައުމުގައި ދުއްރާއިން އަދަބު ދޭންޖެހޭ ހާލަތްތަކުގައި އެ އަދަބު ދެމުންދާނެއެވެ.

އެކްޓިވިސްޓުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ސައުދީއަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ކުށްވެރިންނަށް އެންމެ ހަރުކަށި އަބަދުތައް ކަނޑައެޅާފައިވާ އެއް ޤައުމެވެ. އަދި އިންސާނީ ހައްޤުތަކާއި ބެހޭ މައްސަލަތަކުގެ ރެކޯޑު އެންމެ ގިނަ ޤައުމަކީވެސް އެއީ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ސައުދީގައި 2019 ވަނަ އަހަރު އެކަނިވެސް 184 މީހަކަށް މަރުގެ ޙުކުމް އިއްވައި އެ ޙުކުމް ތަންފީޒުކޮށްފައި ވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވެއެވެ. މީގެތެރެއިން އެކަކީ، ކުޑައިރު ކުރި ކުށެއްގައި އަބަދު ލިބުނު މީހެއް ކަމަށްވެސް އެ ގްރޫޕުން ވަނީ ބުނެފައެވެ.

ސައުދީގައި ކުށްވެރިންނަށްދޭ ބައެއް އަދަބުތައް ލުއި ކުރަމުން ދާއިރު، އެޤައުމުގެ ޒަމާންވީ ބައެއް ޤަވާއިދުތަކާއި ޤާނޫނުތަކަށް ފަހަކަށް އައިސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

އެގޮތުން 18 އަހަރު ނުފުރޭ ކުދިން ކައިވެނި ކުރުން ވެސް އެޤައުމުގައި މަނާކޮށްފައި ވަނީ ދާދިފަހުންނެވެ. މިގޮތަށް ނިންމާފައި ވަނީ 15 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުން މަނާކޮށް 18 އަހަރު ނުފުރޭ ކުދިން ކައިވެނި ކުރުމުގެ ކަންކަން ހަރުދަނާކޮށް ކުރިން ގެނެސްފައިވާ ބަދަލެއްގެ މައްޗަށެވެ.

މީގެ އިތުރުން ސައުދީގައި އަންހެނުން އުޅަނދު ދުއްވުން މަނާކޮށްފައި ވަނިކޮށް، އަންހެނުންނަށް އެ ފުރުސަތު އަލުން ލިބިދިން ހުއްދަ އާއި މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަތަކަކީ ވެސް ދާދިފަހުން ގެނެވުނު ފާހަގަކޮށްލެވޭ ބަދަލުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮއި

    ސުބްހާނަﷲ. ކުޑަކުދީންނަށް ބޮޑެތި މީހުންނާ އިނދެވޭ. ޖިންސީ ގުޅުން ހިންގޭ. އެކަމަކު މަރުގެ އަދަބު ނުދެވޭ. މިހެން ހަދަން ހެޔޮނުވާނެ.

    5
    2
  2. އަހްމަދު

    ޔާ ރައްބި، ކާފަރު ގައުމު ތަކާއި ސައޫދީ ތެރޭގެ މުނާފިގުން ގެ ފިއްތުންތަކުގެ މައްޗަށް އާރާއި ބާރު ދެއްވައި އިސްލާމީ ޝަރީޢަތު އަބަދުވެސް ގާއިމު ކުރެވޭ ގައުމެއް ގޮތުގައި ސައޫދީ ލައްވާނދޭވެ.
    އިންސާނީ ހައްގުތަކޭ ކިޔައިގެން އިސްލާމް ދީނާ ހަނގުރާމަ ކުރުން ނޫން ކަމެއް ނުކުރޭ

    10
    1
    • ގަމާރުމޯލްޑިވިއަން

      މިއީ ކާފަ ރު ގައުމުތަކުގެ ފިއްތުމާ ހެދިތަ؟.ކުޑަކުދިންނަށް އަނިޔާކުރަން ބޭނުން ވަނީ ތަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

      1
      1