ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ އައިވަރީ ކޯސްޓުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

އައިވަރީ ކޯސްޓުގެ މައި ސިޓީއެއް ކަމަށްވާ އަބީޖާގައި ހިނގި މި ހާދިސާގައި މިހާތަނަށް 13 މީހަކު މަރުވެ ދިހަ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހާދިސާގައި އިތުރު މީހުންވެސް ބިންގަނޑު ކަނޑައިގެންދިޔަ ސަރަޙައްދުގައި ތާށިވެފައި ވެދާނެ ކަމަށް ބެލެވޭއިރު، މީހުން ހޯދުމުގެ މަސައްކަތް އިދާރާތަކުން ދަނީ ކުރަމުންނެވެ. އިދާރާތަކުން ލަފާކުރާ ގޮތުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު 20 އަށްވުރެ އިތުރުވާނެއެވެ.

އިއްޔެ ހިނގި މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި 20 ވަރަކަށް ގެ، ބިންގަނޑު ކަނޑައިގެންދިޔަ ސަރަޙައްދުން ބިމުގެ އަޑިޔަށް ދަމައިގަނެ ވަޅުލެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހާދިސާގައި މަރުވި ގިނަ މީހުންނަކީ، ގެތަކުގައި ތާށިވި މީހުންނެވެ.

އިދާރާތަކުން ލަފާކޮށްފައިވާ ގޮތުގައި މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އެ ސަރަޙައްދަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެންނެވެ. މީގެ ކުރިންވެސް ވިއްސާރަ މޫސުންތަކާއި ދިމާކޮށް މި ސިޓީގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ. ނަމަވެސް މިއީ މިހާތަނަށް ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.