ޗައިނާ އާއި އިންޑިއާ ގުޅޭ ސަރަހައްދީ އިމުގައި ހޯމަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުންތަކުގައި ޗައިނާ ސިފައިން ވަނީ އިންޑިއާގެ ދިހަ ސިފައިން ހައްޔަރު ވެސް ކޮށްފައި ކަމަށާއި، ނަމަވެސް އިއްޔެ އިންޑިއާގެ ސިފައިންތައް ޗައިނާ އިން ދޫކޮށްލާފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިން ވަނީ ޗައިނާގެ ހަމަލާތަކުގައި މަރުވެފައެވެ. އަދި އިތުރު 18 ސިފައިނަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާ ސިފައިންތައް ޗައިނާ އިން ދޫކޮށްލީ ދެގައުމުގެ އަސްކަރިއްޔާގެ ވެރިން އިއްޔެ ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.

ޗައިނާ އިން އިންޑިއާ ސިފައިންތަކެއް ހައްޔަރު ކުރިކަމެއް، އަދި އެމީހުން މިހާރު ދޫކޮށްލާފައިވާ ކަމެއް ވެސް އިންޑިއާގެ އަސްކަރިއްޔާ އިން ކަށަވަރުކޮށެއް ނުދެއެވެ. އިންޑިއާ އަސްކަރިއްޔާގެ ތަރުޖަމާން ވިދާޅުވީ އެއީ ގައުމީ ސަލާމަތައްޓަކައި ސިއްރު ކުރެވިފައިވާ މައުލޫމަތު ކަމަށާއި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށެވެ.

ޗައިނާ އާއި އިންޑިއާގެ ދެމެދުގައި އޮންނަ ބޯޑަރު ބައިކުރުމުގައި 1962 ވަނަ އަހަރުން ފެށިގެން ހިތްހަމަނުޖެހުންތައް އޮވެއެވެ. ނަމަވެސް ހޯމަ ދުވަހު ހިނގި ކުރިމަތިލުންތަކަކީ ފާއިތުވި 50 އަހަރު ތެރޭގައި ހިނގި މިފަދަ އެންމެ ބޮޑު ކުރިމަތިލުންތަކެވެ.

ހޯމަ ދުވަހުގެ ކުރިމަތިލުންތަކަށް ފަހު އިންޑިއާގެ ބައެއް މީހުން ގެންދަނީ ޗައިނާ އާއި ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ. މުޒާހަރަ ކުރާ އިންޑިއާ މީހުން ގެންދަނީ ޗައިނާގެ ރައީސްގެ ފޮޓޯ އާއި ޗައިނާގެ ދިދަތައް ވެސް އަންދަމުންނެވެ. އަދި ޗައިނާގެ މުދާ އިންޑިއާ އަށް އެތެރެކުރުން ހުއްޓާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުޅިގަނޑު

    ޗައިނާ އަކާއި ނުކުޅެވޭނެ ކުޅި...އެއީ ރަޝިއާ ނޫނީ އީރާން ކަހަލަ ރުޅިގަދަ ބައެއް..ދޭ ރައްދެއް އޭގެ ދެގުނައިންދައްކާނެ

    41
  2. ކަޅުމަރިޔަނބު

    އިންޑިޔާއިން ހީކޮށްގެންނުވާނެ ރާއްޖެކަހަލަ އާރެއް ބާރެއްނެތް، ވެރިކަމުގައި އިންޑިޔާ އަތްދަށުވެގައިތިބި ކޮރަޕްޓް ވެރިންތަކެއްތިބި ތަނަކަށް ބޭނިންގޮތެއް.ހެދުނަކަސް ޗައިނާއާ ކުޅެވިދާނެކަމަށް. މިހާރު ހުންނާނީ އެއްޗެއް ވިސްނިފަ.

    41
    2
  3. ރާއްޖެތެރެ

    އިންޑިޔާ ފުއްޕާފަ އުޅެވޭނީ ލަންކާ ރާއްޖެ ކައިރީގަ. އެވެސް ރޯ އެޖެންޓުގެ ލާރި އޮސްސާތީ.

    11