ކޮވިޑް-19 ޖެހިގެން ޕާކިސްތާނުން މިއަދު ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕާކިސްތާނުން 201 މީހަކު ވަނީ މަރުވެއްޖެއެވެ. އެހެންކަމުން މިއަދަކީ އެއް ދުވަސް ތެރޭގައި ޕާކިސްތާނުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ޕާކިސްތާނުން މަރުވީ މިދިޔަ ބުދަ ދުވަހު އެވެ. ބުދަ ދުވަހު އެގައުމުން 136 މީހަކު މަރުވިއެވެ.

މިއަދު ޕާކިސްތާނުން ވަނީ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެސް ވެފައެވެ. މިއަދު ޕާކިސްތާނުން 8446 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ކުރިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ޕާކިސްތާނުން ކޮވިޑް-19 އަށް ފައްސިވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހު ފައްސިވީ 6825 މީހުންނެވެ.

ޕާކިސްތާންގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އަބަދު ފުރަބަންދުގައި ނުތިބެވޭނެ ކަމަށް ބުނެ ޕާކިސްތާނުން ފުރަބަންދު އުވާލާފައި ވަނިކޮށެވެ. ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައި ވަނީ ފުރަބަންދުގައި ތިބެން ޖެހުމުން އިތުރު އެތައް މައްސަލައެއް ކުރިމަތިވާ ކަމަށާއި އެހެންކަމުން ފުރަބަންދު އުވާލައިގެން ބައްޔާއި އެކު އުޅެން ޖެހިފައިވާ ކަމަށެވެ.

ޕާކިސްތާންގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދާތީ އެގައުމު ފުރަބަންދު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހާރު ވަނީ ލަފާ ދީފައެވެ. ނަމަވެސް އެލަފާ ގަބޫލު ކުރުމުގެ ވިސްނުމެއް ޕާކިސްތާނުން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު