މީގެ ކުރިން ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދިޔަ ހަލުވިމިނާއި އަޅާބަލާއިރު، ބަލި ފެތުރޭ މިންވަރު ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެ އޭގެ ނުރައްކަލާއި އިންތިހާއަށް ކުރިމަތިވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޖެނީވާގައޮ ހުންނަ ޑަބްލިއެޗްއޯގެ ހެޑްކުއާޓާސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ކޮވިޑް-19 ފެތުރެން ފެށިފަހުން ޤައުމުތައް އަލުން ހުޅުވާލުމަށް ތައްޔާރުވަމުން ދާއިރު، މި ބަލީގެ ނުރައްކާ ބޮޑުވެފައި ވުމުން އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އަދި ޤައުމުތައް ހުޅުވާލައި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން ވާނީ، ބަލި ފެތުރޭ މިންވަރަށް ބަލައި ފޭސްތަކެއްގެ ދަށުން ކަމަށާއި، އެގޮތަށް ކަންކަން ރާވައިގެން އިންތިޒާމް ނުކޮށްފިނަމަ ހީވެސް ނުކުރާފަދަ ގޮތަކަށް ބަލި ކޮންޓްރޯލްނުވެ ފެތުރިހިނގައިދާނެ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓްރެޑޯސް ވިދާޅުވީ، ކޮވިޑް-19 އަށް ވެކްސިނެއް ލިބުމާއި ހަމައަށް، މިހާރު ވައިރަސް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލިމަޑުކަމުގެ ނުރައްކާ ކުޑަވެގެން ގޮސްދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައި މިވަނީ، އިއްޔެ އާއި މިދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެއިން ރެކޯޑް އަދަދަކަށް މީހުން މި ބައްޔަށް ފައްސިވެފައި ވަނިކޮށެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭ މިހާތަނަށް ދުނިޔެއިން 165000 އަށްވުރެ ގިނަ މީހުން ފައްސިވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

މި ހިނގާ ޖޫން މަހުން ފެށިގެން ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. މިއާއެކު ޤައުމުތަކުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8.7 މިލިއަނަށް އަރާފައެވެ. އޭގެތެރެއިން މިހާތަނަށް 461000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 4.6 މިލިއަން މީހުންނެވެ. އަދި ބައިލައްކައަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.