ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 366 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމުން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12970 އަށް އަރާފައެވެ.

އިންޑިއާއިން އިއްޔެ އެކަނިވެސް 14721 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 395,812 އަށް އަރާފައެވެ. އިއްޔެ އަކީ އިންޑިއާއިން މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ދުވަސްވެސް މެއެވެ.

އިންޑިއާއަށް ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. މިގޮތުން އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދުނިޔެއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ޤައުމެވެ. އެޤައުމަކީ މި ބަލީގައި ދުނިޔެއިން 12 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 214,206 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ. އެމެރިކާ ފިޔަވައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީ އިންޑިއާއެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު، އެޤައުމުން ބަލި ފެނުނުތާ 80 ދުވަސްތެރޭ މަރުވި މީހުންގެ އަދަދު ވަނީ ފަސްހާހަށް އަރާފައެވެ. އޭގެ ފަހުން އެންމެ 17 ދުވަސް ތެރޭ މި އަދަދު ވަނީ ދިހަ ހާހަށް އަރާފައި ވާއިރު، މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ އެކަނިވެސް މަރުވި މީހުނެގެ އަދަދު 2500 އަށްވުރެ އިތުރެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.