ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު ހަތަރު ލައްކަ އަށް އަރައި، މި ބަލީގައި އެޤައުމުން އިތުރު 307 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 411,727 އަށް އަރާފައެވެ. މީގެ ތެރެއިން 15,915 މީހުން މި ބައްޔަށް ފައްސިވެފައި ވަނީ އިއްޔެ އެވެ. މިއީ އެއް ދުވަހެއްގެ ތެރޭ އިންޑިއާއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އިންޑިއާއިން އިއްޔެ ވެސް ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި މަރުވުމާއި ގުޅިގެން އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13,277 އަށް އަރާފައެވެ.

އިންޑިއާއަށް ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. މިގޮތުން އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިންޑިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދުނިޔެއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ޤައުމެވެ. އެޤައުމަކީ މި ބަލީގައި މިހާރު ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 228,181 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ. އެމެރިކާ ފިޔަވައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީ ވެސް އިންޑިއާއެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު، އެޤައުމުން ބަލި ފެނުނުތާ 80 ދުވަސްތެރޭ މަރުވި މީހުންގެ އަދަދު ވަނީ ފަސްހާހަށް އަރާފައެވެ. އޭގެ ފަހުން އެންމެ 17 ދުވަސް ތެރޭ މި އަދަދު ވަނީ ދިހަ ހާހަށް އަރާފައި ވާއިރު، މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ އެކަނިވެސް މަރުވި މީހުނެގެ އަދަދު 2500 އަށްވުރެ އިތުރެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު