ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 8.9 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8,905,705 އަށް އަރާފައެވެ.

ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިއަދު 8.9 މިލިއަނަށް އަރާފައިވާއިރު، ހުކުރު ދުވަހު ދުނިޔެއިން ފައްސިވީ މީހުންގެ އަދަދު ވަނީ ރެކޯޑަކަށް އަރާފައެވެ. ހުކުދު ދުވަހު އެކަނިވެސް 181000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވީ ފަހަރެވެ.

މިދިޔަ މޭއި މަހުގެ މެދެއްހާ ހިސާބުގައި، ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، އަނެއްކާވެސް ބަލީގެ ނުރައްކާ ދުނިޔެއަށް ވަނީ ބޮޑުވާން ފަށާފައެވެ. މިގޮތުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ހިމެނެއެވެ. މީގެ ތެރެއިން އެމެރިކާއިން މިހާތަނަށް ޖުމްލަ 2.3 މިލިއަން މީހަކަށް ބަލި ޖެހި 121000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމައެހެންމެ އަވައްޓެރި އިންޑިއާއަކީ މިހާރު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ. އެޤައުމުން މިހާތަނަށް ހަތަރު ލައްކަ އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 13200 އަށް އަރާފައެވެ. އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދުން މި ބަލީގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 466,115 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ، 4.7 މިލިއަން މީހެކެވެ. މިއަދާއި ހަމައަށް މި ބަލީގައި 3.7 މިލިއަން މީހުންނަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 54,517 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު މިހާތަނަށް 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައިނުވާ މި ބަލިމަޑުކަމަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.