ކޮވިޑް-19 އާއި ގުޅޭ ކޮރަޕްޝަން މައްސަލައެއްގައި ޒިމްބާބްވޭ ހެލްތު މިނިސްޓަރު އޮބާޑިއާ މޮޔޯގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މޮޔޯގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކޮވިޑް-19 އަށް ތައްޔާރު ވުމުން ޒިމްބާބްވޭ އިން ބައެއް ތަކެތި ގަތުމުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލުމަށް އިދިކޮޅު ފަރާތްތަކުންނާއި އާއްމުން މީސް މީޑިއާގައި ގޮވާލަމުން ގެންދަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޮޔޯގެ މައްޗަށް ތުހުމަތު ކުރެވެނީ ހަންގޭރީގެ ކުންފުންޏަކާއި 20 މިލިއަން އެމެރިކާ ޑޮލަރުގެ ކޮންޓެކްޓެއް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށެވެ. އެކުންފުންޏާއި ކޮންޓެކްޓް ހަވާލު ކޮށްފައި ވަނީ އޮންނަ އުސޫލާއި ހިލާފަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޮޔޯ އަކީ ޒިމްބާބްވޭގެ ރައީސް އެމާސަން ނަންގަގްވާގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން ކޮރަޕްޝަންގެ ދައުވާ އަކާއި ކުރިމަތިލާން ޖެހުނު ދެވަނަ ވަޒީރެވެ.

މޮޔޯގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އޭނާ އަދިވެސް ހުރީ ހެލްތު މިނިސްޓަރު ކަމުގައެވެ. އިއްޔެ އޭނާ ކޯޓަށް ހާޒިރުވީ ވެސް ސަރުކާރުން ދީފައި އޮތް އަގުބޮޑު ލަގްޒަރީ ކާރެއްގައެވެ. އިއްޔެގެ ޝަރީޢަތުގައި ވަނީ މޮގޯ މައްޗަށް ކުރާ ދައުވާތައް އިއްވައި، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.

މޮޔޯ ހައްޔަރު ކުރަން ޕްރޮސެކިއުޓަރުން ކޯޓުގައި ފުރަތަމަ އެދުނު ނަމަވެސް ފަހުން ޕްރޮސެކިއުޓަރުން ވަނީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން އެއްބަސްވެފައެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ފަހުކޮޅުއެވެ.

ޒިމްބާބްވޭގެ ކުރީގެ ރައީސް މުގާބާއަށް ފަހު ވެރިކަމާއި ހަވާލުވި ނަންގަގްވާގެ ވެރިކަމުގައި ސަރުކާރުގެ އިސްވެރިން ގިނަ ކޮރަޕްޝަން މައްސަލަތަކެއް ކޯޓަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މައްސަލަތައް ނިމިފައި ވަނީ ސާބިތު ނުވެގެންނެވެ.