ކަޝްމީރުގެ ސްރީނަގަރުގައި ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންނާއި މެދު ހިނގި ބަޑީގެ ކުރިމަތިލުމެއްގައި ހަނގުރާމަވެރިންގެ 3 މީހަކު މަރާލައިފިއެވެ.

މިއަދު ހިނގި ކުރިމަތިލުމުގައި މަރުވި 3 މީހުންނާއި އެކު ފާއިތުވެދިތަ 20 ދުވަހު ހަނގުރާމަވެރިންގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 30 އަށް އަރާފައެވެ.

މީގެ ދެ ދުވަސް ކުރިން ހަމަ އެ ސަރަހައްދުގައި ހިނގި ބަޑީގެ ކުރިމަތިލުމެއްގައި ހަނގުރާމަ ވެރިންގެ 8 މީހަކު ވަނީ މަރުވެފައެވެ. މާޗު މަހުގެ ފަހުކޮޅު މުޅި އިންޑިއާ ފުރަބަންދަށް ގެނައި ފަހުން އެ ގައުމުގެ މައި ސަރުކާރުން ވަނީ ކަޝްމީރު ސަރަހައްދަށް ފޮނުވާ ސިފައިންގެ އަދަދު އިތުރުކޮށް، އެ ސަަރަހައްދުގައި ހިންގާ އޮޕަރޭޝަންތަކުގެ އަދަދުވެސް އިތުރު ކޮށްފައެވެ.

ކަޝްމީރުގައި ހަނގުރާމަވެރި ފަރާތްތަކުން އެދެމުން އަންނަނީ އެ ސަރަހައްދު މިނިވަން ކޮށްދިނުމަށެޥެ. ނުވަތަ އަވަށްޓެރި ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށެވެ. މިކަމަށް އެ ފަރާތްތަކުން އެދެމުން އަންނަތާ އެތައް އަހަރެއް ވެފައި ވީ ނަމަވެސް، އިންޑިއާ ސަރުކާރުން އެގޮތަށް ކަންތައް ކުރާކަށް ބޭނުމެއް ނުވެއެވެ. އެ ސަރަހައްދުގައި އުޅޭ ގިނަ ރައްޔިތުންވެސް ބޭނުންވަނީ ކަޝްމީރު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

މި އަހަރުގެ މިހައިތަނަށް މި ދެފަރާތުގެ ދެމެދުގައި ހިނގި ބަޑީގެ ކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ 100 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.