އެމެރިކާގައި ކަޅުނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލި ހާދިސާ އާއި ގުޅިގެން ކުރިޔަށްގެންދާ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 40 އަށްވުރެ ގިނަ މޮނިއުމެންޓް ތަޅާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފަށައިގެން ސިލްސިލާކޮށް އެމެރިކާގެ އެކި ސްޓޭޓްތަކުގައި ވަރުގަދަ މުޒާހަރާތައް ކުރިޔަށްދާއިރު، ތަޅާލި މޮނިއުމެންޓުތަކުގެ ތެރޭގައި އެކި މީހުންނާއި ތަކެތީގެ ރަމްޒަށް ހަދާފައިވާ ދުވަސްވީ ގިނަ މޮނިއުމެންޓުތައް ހިމެނެއެވެ.

ފުލުހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެމެރިކާ ގިނަ ބަޔަކު ބައިވެރިވެ ކުރަމުންދާ މި މުޒާހަރާތަކުގައި މޮނިއުމެންޓުތަކަށް ގެއްލުންދީ ސުންނާފަތި ކުރަމުން ދަނީ، މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެފައިވުމާއި ގުޅިގެންނެވެ. އެއާއެކު އެޤައުމުގެ އެކި ސިޓީތަކުގެ ތަންތަނަށްވެސް އަންނަނީ ގެއްލުން ދެމުންނެވެ.

މުޒާހަރާތައް ތެރެއިން އެމެރިކާގެ ބައެއް ބޮޑެތި ސްޓޯރުތައް ފަޅަމުންދާ މައްސަލަވެސް ފެންމަތިވަމުން ދެއެވެ. މިގޮތުން ފަޅާލާ ތަންތަނަށް އާންމުން ވަދެ ލޫޓުވައި ތަކެތި ގެންދާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ، މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި މުޒާހަރާތައް ފެށިފައިވަނީ އެޤައުމުގެ މީނިއާޕޮލިސްގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ޖޯޖް ފްލޮއިޑް ގެންދިއުމަށްފަހު އޭނާގެ ކަރަށް ފުލުހުން ފައިންއަރާ، ހާސްކޮށްލައިގެން މަރާލި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. މި މަންޒަރު ފެންނަ ވީޑިއޯތައްވެސް މިހާރު ދައުރުވަމުން ދާއިރު، މުޒާހަރާތައް ފެށިގެން އައީ މި ޖަރީމާ ހިންގި ފުލުހުންނަށް އެއްވެސް އަދަބެއް ނުދިނުމުންނެވެ.

ޖޯޖް ފްލޮއިޑްގެ މަރަށްފަހު މުޒާހަރާތައް ހޫނުވުމާއި ގުޅިގެން އޭނާ މަރާލި ފުލުހުންނަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އެމީހުން ވަޒީފާއިން ވަކި ކުރުމަށްފަހު މިހާރު ވަނީ ހައްޔަރުކޮށް ދަޢުވާވެސް އުފުލާފައެވެ.