ހަލުވިކަމާއެކު ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއި ގުޅިގެން ސްޕެއިން ގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތުގެ މުއްދަތު ނިމި އެޤައުމުގެ ބޯޑަރުތައް އަލުން ހުޅުވާލައިފިއެވެ.

ސްޕެއިން ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ މެދުތެރޭގައެވެ. އަލުން އެޤައުމުގެ ބޯޑަރުތައް އިއްޔެ ހުޅުވާލުމާއެކު ޔޫރަޕުގެ ޤައުމުތަކަށް ސްޕެއިން ބޯޑަރު ހުރަސްކޮށް އަރައި ފޭބުމުގެ ހުއްދަ ވަނީ ދީފައެވެ.

އެޤައުމުގެ އިދާރާތަކުން ބުނެފައިވާ ގޮތުން ޕޯޗުޖަލް ފިޔަވައި ޔޫރަޕުގެ ހުރިހާ ޤައުމަކަށް ސްޕެއިންގެ ބޯޑަރު ހުރަސްކޮށް މިހާރު ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް ޕޯޗުގަލްގެ ބޯޑަރު ހުޅުވުން ފަސްކުރި ސަބަބެއް އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިދާރާތަކުން ބުނެފައި ވަނީ ސްޕެއިން އަށް އެހެން ޤައުމުތަކުން އެތެރެވުމަށް ކޮވިޑް-19 ގެ ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މި ބައްޔާއި ގުޅޭ މަޢުލޫމާތު އަންގައިދޭ ފޯމެއް، އެޤައުމަށް އެތެރެވާ ކޮންމެ މީހަކު ފުރަން ޖެހެއެވެ. އަދި އެއިން ކޮންމެ މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލައި، ބަލީގެ އަލާމާތެއް ހުރިތޯ ބެލުމަށް ހަމަޖެހިފައި ވެއެވެ.

ސްޕެއިންގައި ކުއްލި ހާލަތު އިތުރަށް ނުދަމަހައްޓައި، އަލުން ބޯޑަރުތައް ހުޅުވާލާފައި މިވަނީ ކޮވިޑް-19 ފެތުރެން ފެށިއިރާއި ބަލައި އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ބަލީގެ ނުރައްކާ ކުޑަވެފައިވުމާއި ގުޅިގެންނެވެ.

ސްޕެއިން އަކީ މީގެ ކުރިން ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ އެއް ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 293,352 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު، އޭގެތެރެއިން 28,323 މީހަކު މަރުވެފައި ވެއެވެ. އެޤައުމަކީ ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، މި ބަލީގައި ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސް މެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ސްޕެއިން އިން މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވަނީ 334 މީހެކެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި މި ބަލީގައި އެޤައުމުން މަރުވީ އެންމެ މީހެކެވެ.