ސްރީލަންކާ އިން ކޮވިޑް-19 އަށް މީހަކު ފައްސިނުވެ ދެދުވަސް ފާއިތުވެފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފިއެވެ.
ސްރީލަންކާ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން މިއަދު ރިޕޯޓް ކުރާ ގޮތުގައި އެގައުމުން ކޮވިޑް-19 އަށް މީހަކު ފައްސިނުވެ މިއަދު ހެނދުނު 06:00 އާއި ހަމައަށް 48 ގަޑިއިރު ވަނީ ވެފައެވެ. ސްރީލަންކާ އިން ވަނީ މިހާތަނަށް 95000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.
ސްރީލަންކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 26 މީހަކު އިއްޔެ ވަނީ ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައެވެ. ސްރީލަންކާގައި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 1498 އަށް އަރާފައެވެ. ސްރީލަންކާގެ ހެލްތު މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން 1950 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިހާރު އެގައުމުގައި ފަރުވާ ދެމުން ދަނީ 441 މީހަކަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާ ފުރަބަންދު ކުރުމަށް ފަހު މިހާރު ދަނީ ލުއިތައް ދެމުންނެވެ. މިދިޔަ ހަފްތާގައި ވަނީ އެގައުމުގެ ޕާކްތައް ވެސް ހުޅުވާލާފައެވެ. ނަމަވެސް ޕާކްތައް ބޭނުން ކުރާ މީހުން އިޖުތިމާޢީ ގައިދުރުކަމުގެ މިންގަނޑުތަކަށް ބޯލަނބަން ޖެހޭނެއެވެ. މިއަންނަ ހަފްތާގައި ވެރިރަށް ކޮލަމްބޯގެ ބީޗް ވެސް ހުޅުވާލަން ވަނީ ނިންމާފައެވެ.
ސްރީލަންކާ އިން މިހާރު ތައްޔާރު ވަމުން ދަނީ އަންނަ އޮގަސްޓް މަހު އެގައުމު ފަތުރުވެރިންނަށް ހުޅުވާލާށެވެ. ނަމަވެސް ފަތުރުވެރިންނަށް ގައުމު ހުޅުވާލަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކާއި އެކުގައެވެ. އެގޮތުން ސްރީލަންކާ އަށް ދަތުރު ކުރާ ހުރިހާ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ވަނީ ނިންމާފައެވެ.
ސްރީލަންކާގައި ޓެސްޓެއް ނުކުރޭ. ކުރާނަމަނުން އެގޭނީ ވާވަރެއް.