ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން، ބަލިން ރަނގަޅުވީ މީހުންގެ އަދަދު 4.9 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުމަށްފަހު މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4,900,073 އަށް އަރާފައެވެ.

މި ބަލިން ރަނގަޅުވީ މީހުންގެ އަދަދު ތިން މިލިއަނަށް މިއަދު އަރާފައިވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރޭ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އެގޮތުން މިހާތަނަށް ދުނިޔެއިން ޖުމްލަ 9,143,562 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ދުނިޔެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 472,541 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މިހާރު ފަރުވާދެމުން ދަނީ 3,770,948 މީހަކަށެވެ. އޭގެތެރެއިން 57,871 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 2,381,816 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 122,557 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވި ޤައުމުވެސް މެއެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ރަޝިޔާ އާއި ބްރެޒިލް އަދި އަވައްޓެރި އިންޑިއާ ހިމެނެއެވެ. އޭޝިއާ ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އިންޑިއާއަށެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭފައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި ވައިރަސް ވަނީ ފެތުރިފައެވެ. މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ.