ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މިރޭ މި ބިންހެލުން އައިސްފައި ވަނީ ނިއުޒިލޭންޑުގެ އިރުއުތުރުން ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ އެޤައުމުގެ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ކާމެޑިކް އައިލެންޑްސް ސަރަޙައްދަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުން އެ ސަރަޙައްދަށް ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައި ވަނީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިން ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ނެރެފައި ނުވާއިރު، ބިންހެލުމުގައި ބަޔަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިރޭ ކާމެޑިކް އައިލޭންޑްސް އަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވާއިރު، މި ސަރަޙައްދަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދަކަށް ބިންހެލުން އަންނަމުން ދެއެވެ. މިގޮތުން މިމަހުގެ 18 ވަނަ ދުވަހު އެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި ބިންހެލުން ފާހަގަކޮށްލެވެއެވެ.

ކާމެޑިކް އައިލޭންޑްސް ގެ ރަށްތަކުގައި ގިނަ އަދަދަކަށް އަލިފާން ފަރުބަދަތައް ހުރެއެވެ. މި ސަރަޙައްދަށް ބިންހެލުން އަންނަ ނިސްބަތް މަތިވެފައިވަނީ މި ސަބަބާއި ގުޅިގެންނެވެ.

ކާމެޑިކް އައިލޭންޑްސް އަށް ގިނަ ބިންހެލުންތައް ކައިރިކައިރީގައި އަންނަމުންދާއިރު، ތަޖުރިބާކާރުން ބުނާގޮތުން މިގޮތަށް ގިނަ ބިންހެލުންތައް އައުމަކީ ބޮޑު ބިންހެލުމެއް އައިސްދާނެ ކަމުގެ ނިޝާނެކެވެ.