އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ރެލީގައި ބައިވެރިވި ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޫސްތައް ބުނާގޮތުން މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ އޮކަހާމާ ސްޓޭޓުގެ ޓަލްސާގައި ކުރިޔަށްގެންދިޔަ ކެމްޕެއިން ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރެއިން ފައްސިވެފައި ވަނީ ދެ މީހެކެވެ. މި ދެ މީހުން ބައްޔަށް ފައްސިވެފައިވާކަން އެނގުނީ، ރެލީގައި ބައިވެރިވުމުގެ ކުރިން ކެމްޕޭން ހަރަކާތުގައި އުޅުނު 6 މީހަކަށް ވެސް ބަލި ޖެހިފައިވާކަން އެނގި ފަރުވާދެމުންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ފައްސިވި ހަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ކުރިންނެވެ. އެހެންކަމުން އެމީހުން ވަނީ ރެލީ ފެށުމުގެ ކުރިން ކަރަންޓީނު ކޮށްފައެވެ. ނަމަވެސް އިތުރަށް ފައްސިވި ދެ މީހުންނަކީ ރެލީގައި ބައިވެރިވި ބައެއް ކަމުން، އިތުރު ގިނަ ބަޔަކަށް މި ބަލި އެމީހުންގެ ގައިން ޖެހިފައި ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދެމީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނިކޮށް ޓްރަމްޕްގެ ރެލީގައި ބައިވެރިވިއިރު ތިބީ މާސްކު އަޅައިގެންނެވެ.

ޓަލްސާގައި ކުރިޔަށްގެންދިޔަ މި ކެމްޕެއިން ހަރަކާތަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން އެމެރިކާގައި ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ. ނަމަވެސް މިފަދަ ހަރަކާތްތަކުގެ ސަބަބުން، މިހާރުވެސް އެންމެ ނުރައްކާ ބޮޑުވެފައިވާ އެމެރިކާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ޓްރަމްޕްގެ ކެމްޕެއިން ހަރަކާތަށް ގިނަ ބައެއްގެ ނުރުހުންވުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕް އަންނަނީ އޭނާއަށް އޮތް ތާއީދު އިތުރު ކުރުމަށް ގިނަ މަސައްކަތްކޮށް، އޭނާއަށް ތާއީދު އޮތްކަން ހާމަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރެލީގެ ބައިވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވެގެން އެ ޚަބަރު ފެތުރިގެން ދިއުމާއި ގުޅިގެން ވެސް ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރިކަމަށް ބައެއް ނޫންތަކުން ބުނެފައި ވެއެވެ. އެއީ އޭނާގެ ކެމްޕެއިން ހަރަކާތަށްވުރެ ބޮޑަށް، ފައްސިވީ މީހުންނާއި ބެހޭ ޚަބަރުތައް މީޑިއާތަކުން ރިޕޯޓް ކުރަމުން ދިއުމުންނެވެ.

އެމެރިކާގައި މި ދުވަސްވަރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އަމިއްލަ ޕާޓީގެ ބައެއް އިސް މެމްބަރުން ވެސް ހިމެނޭހެން ޓްރަމްޕް އަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޓްރަމްޕް އާއި އެންމެ ވާދަވެރިކޮށް މި އިންތިޚާބުގައި ވާދަކުރައްވާނީ އެޤައުމުގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޖޯ ބައިޑަން ކަމަށް ބެލެވެއެވެ. ބައިޑަން އަށް ގިނަ ބައެއްގެ ތާޢީދު އޮތްއިރު، އޭނާއަށް ކުރީގެ ބައެއް ރައީސުންވެސް ވަނީ ތާއީދުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު