ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާ ފުރަބަންދު ކުރުމަށް ފަހު ހުޅުވާލި ފަހުން ކްލަބްތަކާއި ޗާޗްތަކާއި ގުޅިފައި ހުރި ގިނަ ކްލަސްޓާތަކެއް ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިއްޔެ ވެސް އެމެރިކާ އިން 31496 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ އެމެރިކާ އިން 363 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު ވެސް ވަނީ އާދީއްތަ ދުވަހަށް ވުރެ އިތުރު ވެފައެވެ.

އެމެރިކާގެ "ނިއުޔޯކް ޓައިމްސް" ބުނާ ގޮތުގައި އެމެރިކާގެ 23 ސްޓޭޓަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ހާއްސަކޮށް އެރިޒޯނާ، ޓެކްސަސް، މިސޫރީ އަދި ޕެންސިލްވޭނިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު އެމެރިކާގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން ދަނީ އަޅުކަން ކުރާ ތަންތަނުންނާއި، ޖަނާޒާތަކުންނާއި، ކްލަބްތަކުންނާއި، އުފަންދުވަސް ފާހަގަ ކުރަން ބާއްވާ ޕާޓީތަކުގެ ސަބަބުންނެވެ. އިޖުތިމާޢީ ގައިދުރުކަން ބާއްވާ، ކޮންމެހެން ބާއްވަން ޖެހޭ ބައްދަލުވުންތައް ފިޔަވައި އެހެން ބައްދަލުވުންތައް ނުބޭއްވުމަށް އޮފިޝަލުން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް އެކަމަށް ގިނަ މީހުން އިހްތިރާމް ނުކުރާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން ފުރަބަންދަށް ލުއިތައް ދޭން ފެށީ މިމަހުގެ ކުރީކޮޅުއެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު