ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ހުރި ޑިސްނީ ޕާކުތައް ޖުލައި އެކެއްގައި ހުޅުވަން ނިންމައިފިއެވެ.

ޑިސްނީ އިން އިއުލާން ކުރި ގޮތުގައި ޓޯކިޔޯގައި ހުރި ޑިސްނީލޭންޑާއި ޑިސްނީސީ ހުޅުވުމަށް ހަމަޖެހިފައި ވަނީ ޖުލައި އެކެއްގައެވެ. އެކަން ހާމަކޮށްފައި ވަނީ ޑިސްނީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޯކިޔޯގައި ހުރި އެ ރިސޯޓު ބަންދުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި އޮތުމަށް ފަހު، ޝަންހާއީގެ ޑިސްނީލޭންޑް އަލުން ހުޅުވާފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އަދި ހޮންކޮންގައި ހުރި ޑިސްނީލޭންޑް ހުޅުވާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އަދި އެމެރިކާ އާއި ފްރާންސްގެ ޕެރިސްގެ ޕާކްތައް އަންނަ ޖުލައިގައި ހުޅުވަން ވަނީ ނިންމައިފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ނުވަ މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި ބަލި ޖެހިގެން 474,445 މަރުވި އިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 4.9 މިލިއަން މީހުން ވަނީ ރަނގަޅުވެފައެވެ.