އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ގެ އެއްވެސް ވޭދަނައެއް ފެނިފައި ނުވާތާ ދެ ދުވަސް ފަހުން، އިއްޔެ ފެނިފައިވަނީ ރާއްޖެއިން ފުރުވާލި އެގައުމުގެ ރައްޔިތެއް ކަމަށް ލަންކާ އިން ބުނެފިއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އެންމެ ފުރަތަމަ ލަންކާއިން ފެނިގެން ރިޕޯޓް ކޮށްފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. އެ ގައުމުން ފުރަތަމަ ފައްސިވެފައިވަނީ އިޓަލީގެ ފަތުރުވެރިންނަށް ޓުއާ ގައިޑްކަން ކޮށްދިނުމުގައި ހަރަކާތްތެރިވަމުން އައި ފިރިހެނެކެވެ.

އެގައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިއްޔެ އެގައުމުން ފައްސިވެފައިވާ، ރާއްޖެއިން ފުރުވާލީ މީހާ ލައިގެން މިހާރު އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 1951 އަށް އަރައިފައެވެ.

ލަންކާ ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި އެގައުމުން މިހާރު ބަލި ކޮންޓްރޯލްވި ނަމަވެސް ފައްސިވަމުން އަންނަނީ އެހެން ގައުމުތަކުން އަނބުރާ އަންނަ މީހުންނެވެ. އަދި އެގޮތަށް ދާ ފަރާތްތަކުން ސަލާމަތަށް ވިސްނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެގައުމުން ބަލި ކޮންޓްރޯލް ވެފައިވާ ކަމުގެ އަލާމަތްތައް ފެނުމާއެކު ސަރުކާރުން ވަނީ ސްކޫލްތައް ހުޅުވުމަށާއި އިތުރު ތަންތަން ހުޅުވުމަށް ވިސްނަމުން އަންނަ ކަން ހާމަ ކޮށްފައެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ފަތުރުވެރިންނަށް ވެސް އެގައުމަށް ދެވޭނެ އިންތިޒާމު އަންނަނީ ހަމަ ޖައްސަމުންނެވެ.

ކޮވިޑް-19 ޖެހިގެން ލަންކާއިން މިހާތަނަށް 11 މީހަކު މަރުވެފައިވާއިރު، 1548 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަ 392 މީހުންގެ ތެރެއިން އެކަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު