އިންޑިއާއަކީ މުޅި ދުނިޔެއިންވެސް ކޮވިޑް-19 ފެތުރޭ މިންވަރު އެންމެ ދަށް އެއް ޤައުމަށް ވާނެ ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިކަމާއި ގުޅިގެން ބުނެފައި ވަނީ، އާބާދީގެ ނިސްބަތަށް ބަލާއިރު އިންޑިއާގައި ބަލި ފެތުރުން ކުޑަ ކަމަށެވެ. އެގޮތުން އެޤައުމުން ކޮންމެ އެއްލައްކަ މީހެއްގެ ތެރެއިން ބަލި ޖެހިފައި ވަނީ 30 މީހުންނަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުން އެވްރެޖް ގޮތެއްގައި ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުން ކޮންމެ ލައްކައަކުން ބަލި ޖެހޭ މީހުންގެ އަދަދު އިންޑިއާއަށްވުރެ ތިންގުނަ އިތުރެވެ. އެހެންކަމުން އާބާދީ ބޮޑު އިންޑިއާއަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށް ނުވާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ދުނިޔެއިން ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިއާގެ އާބާދީ 1.3 ބިލިއަނަށް އަރައެވެ. އެޤައުމުން މިހާތަނަށް 456000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމު މިހާރު ވެފައި ވަނީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމަށެވެ.

އެހެން ޤައުމުތަކާއި އަޅާބަލާއިރު، އާބާދީގެ ނިސްބަތުން އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފައި ވާއިރު، އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެޤައުމަކީ މިހާރު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން އިންޑިއާއިން 14000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އެޤައުމުން އެންމެ ފުރަތަމަ މި ބަލި ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނީމް

    ރާއްޖެ ނިސްބަތުން އެއްމެ ގިނައީ އާބާދީ އާ އަޅާބަލާއިރު!

  2. Anonymous

    އަލްހަމްދުލިﷲ