އިއްޔެ އެމެރިކާ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، 863 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެމެރިކާ އިން 36015 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް ތިން ވަނަ އަށް އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އަދި މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހަކީ ވެސް އިއްޔެއެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައި މިވަނީ ފުރަބަންދު އުވާލައި، ބޮޑެތި ލުއިތައް ދޭން ފެށުމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެމެރިކާ ސަރުކާރަށް ލަފާއަރުވާ އެންމެ އިސް ސައިންސްވެރިޔާ ޑރ.އެންތިނީ ފައުޗީ އެމެރިކާގެ ކޮންގްރެސްގެ ކޮމެޓީއެއްގައި ރޭ ވިދާޅުވީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭ ކަމަށާއި އިޖުތިމާޢީ ގައިދުރުކަމާއި ގިނަ ބަޔަކު ހިލާފު ވަމުން ދާތީ އާއި އެކަށީގެންވާ ރަނގަޅު ޕްލޭނެއް ނެތި ގިނަ ސްޓޭޓްތައް ހުޅުވާލަމުން ގެންދާތީ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފައުޗީ ވިދާޅުވީ ފެންނަ މަންޒަރުތަކަށް ބަލާއިރު ފްލޮރިޑާ، ޓެކްސަސް އަދި އެރިޒޯނާ އާއި އެހެން ގިނަ ސްޓޭޓްތަކެއްގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ގޯސްވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެމެރިކާގެ ކޮންގްރެސްގެ ކޮމެޓީއަށް ރޭ ވަނީ ޕަބްލިކް ހެލްތު އެސިސްޓެންޓް ސެކްރެޓަރީ އެޑްމިރަލް އެޑަމް ބްރެޓް ވެސް ހާޒިރު ކޮށްފައެވެ. އޭނާ ވިދާޅުވީ އަދިވެސް އެމެރިކާގައި އެކަށީގެންވާ އަދަދަކަށް ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭ ކަމަށާއި، އަދި ކޮންޓެކްޓް ޓްރޭސް ކުރެވި، މީހުން އެކަހެރި ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވެނީ އެކަށީގެންވާ ވަރަށް ވުރެ މާމަޑު ސްޕީޑެއްގައި ކަމަށެވެ.