އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ އިމުގައި ރާނަމުން ގެންދާ ފާރުގެ ސަބަބުން އެމެރިކާ އަށް ޤަވައިދާއި ހިލާފަށް އެތެރެވާ މީހުންނާއި، ކޮވިޑް-19 ހުއްޓުވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ ބޯޑަރުގައި ރާނަމުން ގެންދާ ފާރުގެ މަސައްކަތް ބަލާލުމަށް އަންގާރަ ދުވަހު އެރިޒޯނާ އަށް ކުރި ޒިޔާރަތެއްގައެވެ.

"ފާރުގެ ސަބަބުން ހުރިހާ ކަމެއް ހުއްޓުވޭނެ. ފާރުގެ ސަބަބުން ކޮވިޑް-19 ވެސް ހުއްޓުވޭނެ." ޓްރަމްޕް ބުންޏެވެ.

މެކްސިކޯ އާއި އެމެރިކާ ވަކިކުރާ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. މިއަހަރުގެ ފަހުކޮޅު އޮންނަ އިންތިޚާބަށް މިހާރު ތައްޔާރުވަމުން ދާއިރު ވެސް ބޯޑަރުގައި ފާރު ރޭނުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ. ކޮވިޑް-19 އާއި ގުޅިގެން ވެސް ފާރުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މެކްސިކޯ ބޯޑަރުގައި ރާނަމުން ގެންދާ ފާރުގެ އަދި ނިމިފައި ވަނީ 200 މޭލުގެ މަސައްކަތެވެ. ފާރުގެ ޖުމްލަ ދިގުމިނުގައި 450 މޭލު ހުރެއެވެ. އެހެންކަމުން ފާރުގެ މަސައްކަތް މިއަހަރު އެއްކޮށް ނުނިންމޭނެ ކަން މިވަނީ ކަށަވަރު ވެފައެވެ.

ބޯޑަރުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވާތީ ޓްރަމްޕާއި ސުވާލު ކުރުމުން އިއްޔެ ބުނީ އެމެރިކާގެ ދެކުނުގެ ބޯޑަރު ރައްކާތެރިކުރަން އެންމެ ފުރިހަމަ މަސައްކަތެއް އަދި މިހާތަނަށް ކުރި އެމެރިކާގެ ރައީސް އަކީ އޭނާ ކަމަށެވެ.

ބޯޑަރުގައި ރާނާ ފާރުގެ މަސައްކަތް ލަސްވެގެން ދިޔަ އެއްސަބަބަކީ އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމުގައި ޓްރަމްޕަށް ކުރިމަތިވި ގޮންޖެހުންތަކެވެ. އެންމެ ފަހުން މިހާރު ފާރުގެ މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާގެ ރައީސް އަށް ލިބިދީފައިވާ ބާރުގެ ދަށުން އެއީ ގައުމީ ސަލާމަތައް ކުރާ ހޭދައެއްގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކަލޭގެ ބޮޑު އަގައިން ނިކުންނަ މޮޔަ ވާހަކަތައް ހުއްޓުވޭނެ

  2. މޮޔަބޯޓްރަންޕް

    އާޗާ މީ ހަމަ ފިރުއައުނެއް....ޔާ ﷲ މީނާއަށް އަނިޔާވެރި ނިމުމެއް ދައް ކަވާން ދޭވެ..އާމީން