ޗައިނާގެ ވެރިރަށް ބެއިޖިން ގައި ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރެވިއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނީ އިއްޔެ ބެއިޖިން އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހަތް މީހުން ކަމަށެވެ. އެހެންކަމުން އިއްޔެ އަކީ މިމަހުގެ 13 ވަނަ ދުވަހު ބެއިޖިންގެ ކާބޯތަކެތި ވިއްކާ މާރުކޭޓް ބަންދުކުރި ފަހުން އެންމެ މަދުން ބެއިޖިން އިން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިއްޔެ މުޅި ޗައިނާ އިން ކޮވިޑް-19 އަށް ފައްސިވީ 12 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުންނެވެ. ދެމީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހުބެއީ ޕްރޮވިންސުންނެވެ. އިއްޔެ ވެސް ޗައިނާ އިން ކޮވިޑް-19 ޖެހިގެން މީހަކު މަރުވެފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އިތުރުން އޭސިމްޓަމެޓިކް 100 މީހަކު ފާހަގަ ކުރެވި އެމީހުން އެކަހެރިކޮށް، އެމީހުންގެ ހާލަތު ބަލަމުން ގެންދާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން ބުންޏެވެ.

20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، އަދި ޗައިނާގެ އެންމެ ބާރު ބޮޑު އެއް ސިޓީ ކަމަށްވާ ބެއިޖިން އިން ކޮވިޑް-19 ފެނުމާއި އެކު ވަރަށް ބޮޑަށް ކަންބޮޑުވުންތައް އިތުރުވިއެވެ. ސަބަބަކީ އާބާދީ ބޮޑުވުމުގެ ސަބަބުންނާއި އިޤުތިޞާދީ ހަރަކާތްތައް ގިނަވުމުގެ ސަބަބުން ބެއިޖިންގައި ފަސޭހައިން ބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ލަފާ ކުރެވިފައި އޮތުމުންނެވެ.

ނަމަވެސް ބަލި ފެނުނު ސަރަހައްދުތައް ބަންދުކޮށް، ބެއިޖިންގެ އޮފިޝަލުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ. ވަރަށް އަވަހަށް ބަލި ކޮންޓްރޯލް ކުރެވިފައި ވަނީ އަވަހަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު