ކެންސަރަށް ފަރުވާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތައް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނެއެވެ. އިނގިރޭސިވިލާތުގެ ސައިންސްވެރިން އިއްޔެ ބުނީ ކެންސަރަށް އުފެއްދި ބޭހެއްގެ ކްލިނިކަލް ޓްރިއަލްގައި ބޭސް ދިން މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުގައި ކެންސަރު ޓިއުމަރު އިތުރަށް ބޮޑުވުން ހުއްޓިފައިވާ ކަމަށާއި، އަދި ބައެއް މީހުންގެ ހަށިގަނޑުން ކެންސަރު ޓިއުމަރު އެއްކޮށް ނައްތާލެވިފައިވާ ކަމަށެވެ.

ކެންސަރަށް އުފެއްދި ބެހަށް ދީފައިވާ ނަމަކީ "އޭޓީއާރް" އެވެ. މިބޭހަކީ ކެންސަރު ސެލްތަކުން ޑީއެންއޭ އަށް ލިބޭ ގެއްލުން ކުޑަކޮށްދޭ، ނުވަތަ އެއްކޮށް ނައްތާލާނެ ބޭހެކެވެ.

ބޭހުގެ ދިރާސާތައް ކުރަމުން ގެންދާ ޓީމުން ބުނީ މިބޭސް އަދި އޮތީ ކްނިކަލް ޓްރިއަލްގެ ވަރަށް ކުރީކޮޅުގައި ކަމަށާއި، މިހައި ހިސާބުން ރަނގަޅު ނަތީޖާތަކެއް ފެނުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

"އަހަރެމެންގެ ފުރަތަމަ މަސައްކަތަކީ މިބޭހަކީ ބޭނުން ކުރުން ރައްކާތެރި ބޭހެއްތޯ ކަށަވަރު ކުރުން. ބޭހުގެ ދިރާސާތައް ކުރަން ފެށިތަނާ މިހައި ރަނގަޅު ނަތީޖާއެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި މިއީ ކުރިއަށް އޮތްތަނުގައި ކުރަން ހުރި މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް." ލަންޑަންގެ އިންސްޓިއުޓް އޮފް ކެންސަރ ރިސާޖްގެ ތަޖުރިބާކާރު ޖޯން ޑީ ބޯނޯ ވިދާޅުވިއެވެ.

ޑީއެންއޭއަށް ގެއްލުން ލިބުމަކީ ކެންސަރު ޖެހުމަށް މަގުފަހިވާ އެއްސަބަބެވެ. އަދި ހާލަތު އިތުރަށް ގޯސްވަނީ ޑީއެންއޭ އަށް އިތުރު ގެއްލުންތައް ލިބެން ފެށުމުންނެވެ. އެހެންކަމުން ޑީއެންއޭއަށް ލިބޭ ގެއްލުންތައް ރަނގަޅު ކުރެވޭނަމަ ކެންސަރުން މިހާގެ ހަށިގަނޑު ސަލާމަތް ކުރެވެއެވެ.

އަލަށް އުފެއްދި ބޭހުގެ ފުރަތަމަ ޓްރިއަލްގައި 21 މީހަކަށް ވަނީ ބޭސް ދީފައެވެ. އޭގެ ތެރެއިން 15 މީހެއްގެ ހަށިގަނޑަށް ވަނީ ރަނގަޅު ބަދަލުތަކެއް އައިސްފައެވެ.

މިބޭހުން ރަނގަޅު ނަތީޖާތަކެއް ފެނުނު ނަމަވެސް ބޭސް އާއްމުކޮށް ބޭނުން ކުރަން ފެށޭނެ ދުވަހެއް އަދި ބުނާކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަހުމަދު

    އަލްހަމްދުލިއްލާހި

  2. އަލިބެ

    ތީ އާ ސުރުހީއެއްނޫން ދެން އަނެއްކާވެސ ތި ވާހަކައެއް ނުދައްކާނޭ

  3. ފެކްޓް

    އެހެންމީހުންގެ ޑީއެންއޭ ވެކްސިންގެ ޒަރިއްޔާއިން މީހުންގެ ގަޔަށް އެޅުމުގެ ނަތީޖާ އަކީވެސް ތިއީ. ވެކްސިނުން އިންސާނާގެ ގައިގައި ނެތް މިފަދަ އެތަކެއް ބައްޔަކަށް ހުށަހޮޅިގެންދާކަމަށް ދިރާސާތަކުން އެބަދައްކާ.