ހިފެހެއްޓުމެއް ނެތި ދުނިޔޭގައި މިހާރު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 މުޅި ދުނިޔެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު 9.5 މިލިއަނަށް އަރައިފިއެވެ.

މި އަދަދު 9.5 މިލިއަނަށް އަރާފައި މިވަނީ، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ދޮޅުލައްކަ އަށްވުރެ ގިނަ މީހުންނަށް އަލަށް މި ބަލި ޖެހުމާއި ގުޅިގެންނެވެ.

ކޮވިޑްގެ މާއުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 9,502,460 ގައެވެ. މީގެތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އެމެރިކާއިންނެވެ.

އެމެރިކާއިން މިހާތަނަށް 2.4 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތް ބްރެޒިލް އިން މިހާތަނަށް ބަލީގެ 1.1 މިލިއަން ވޭދަނަ (ކޭސް) ފެންމަތިވެފައި ވެއެވެ. މިޤައުމުތަކުގެ އިތުރުން ރަޝިޔާ އާއި އިންޑިއާ އަދި މެކްސިކޯގެ އިތުރުން ތުރުކީ އާއި ޗިލީއަކީ ވެސް، ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނެއެވެ.

ދުނިޔެއިން ކޮވިޑް-19 ފެނުނުތާ އެތައް ދުވަހެއް ވެގެން ގޮސްފައިވީނަމަވެސް މި ބައްޔަށް ކޮންޓްރޯލްވުމެއް ނާދެއެވެ. މިގޮތުން މި ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު އެއް ދުވަސް ތެރޭ ކޮވިޑަށް ފައްސިވެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު އެކަނިވެސް ޤައުމުތަކުން 182202 މީހަކަށް އަލަށް މި ބަލި ޖެހިފައި ވެއެވެ.

ފަހުގެ މަޢުލޫމަތުތަކަށް ބަލާއިރު މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 483,667 މީހަކު ވަނީ މަރުވެފައެވެ. އަދި ފަސް މިލިއަން މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުން ދަނީ 3.8 މިލިއަން މީހަކަށެވެ. އޭގެތެރެއިން 58,364 މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ކޮވިޑް ފެނުނު ފަހުން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ފެނިފައިވެއެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައިނުވާ މި ބަލިމަޑުކަމަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.