ނިއުޒިލޭންޑުގެ ދެކުނުގައި އޮންނަ ޖަޒީރާ ރަށަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނާގޮތުން މި ބިންހެލުން އައިސްފައި ވަނީ ނިއުޒިލޭންޑުގެ ފަތުރުވެރި މަންޒިލެއް ކަމަށްވާ މިލްފޯޑް ސައުންޑްގެ އައްސޭރިއަށެވެ.

އިދާރާތަކުން ބުނެފައިވާ ގޮތުން މިރޭ އެޤައުމަށް ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުން އައި ވަގުތު، ބިންހެލުމުގެ ލޮޅުންތައް ގިނަ ބަޔަކަށް އިހުސާސް ކުރެވިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.

ނަމަވެސް މި ބިންހެލުމުގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއްވެސް އަދި ނެރެފައި ނުވެއެވެ.

މިރޭ ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވާއިރު، މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ އެޤައުމުގެ އެކި ސަރަޙައްދުތަކަށް، ރެކްޓަރ މިންގަނޑުން 4.4 އިން މަތީގެ ހަތަރު ބިންހެލުން އައިސްފައި ވެއެވެ. ހަމަ އެހެންމެ މިމަހުގެ 18 ވަނަ ދުވަހު އެޤައުމުގެ ކާޑެމިކް އައިލޭންޑްސް އަށް ރެކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައި ވެސް ބިންހެލުމެއް އައިސްފައި ވެއެވެ.