ފާއިތުވެދިޔަ ދުވަސްތަކުގައި މުޅި ދުނިޔެއަށް ނުރައްކާ ބޮޑުކޮށް، ހަލުވިކަމާއެކު ފެތުރޭ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ރަޝިޔާއިން ފައްސިވީ މީހުންގެ އަދަދު ހަލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ހާމަކުރަ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިޔާއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ހަލައްކައަށް އަރާފައި ވަނީ އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ. މިހާރު ރަޝިޔާއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 606,881 އެވެ.

ރަޝިޔާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 7,176 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަހަށް ބަލާއިރުވެސް އެޤައުމުން މި ބައްޔަށް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އުޅެނީ ހަތްހާހަށްވުރެ މަތީގައެވެ. ނަމަވެސް އިއްޔެ އަކީ މިދިޔަ އޭޕްރިލް 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެޤައުމުން އެންމެ މަދުން ކޮވިޑް-19 އަށް މީހުން ފައްސިވި ދުވަހެވެ.

ކޮވިޑްގެ ނުރައްކާ ރަޝިޔާއަށް އިންތިހާއަށް ބޮޑުވެފައިވާއިރު އެޤައުމަކީ މިހާތަނަށް ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 8,513 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރެއިން 154 މީހަކު މަރުވީ މިދިޔަ 24 ގަޑިއިރު ތެރޭގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ރަޝިޔާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 368,822 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު 229,546 މީހަކަށް ފަރުވާދޭއިރު އޭގެތެރެއިން 2300 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ރަޝިޔާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ އޭޕްރިލް ފަހުކޮޅާއި މޭއި މަހުގައެވެ. އޭގެ ފަހުން ރަޝިޔާގައި މި ވައިރަސް ފެތުރޭ މިންވަރަށް މާބޮޑު ކޮންޓްރޯލެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު