ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބުވުމުގެ އުއްމީދު ވަރަށް ބޮޑު ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ސައިންސްވެރިން ފަށައިފިއެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އުފައްދާފައިވާ މިވެކްސިން 300 މީހުންނަށް ދީގެން ޓެސްޓް ކުރުމަށް ވަނީ ނިންމާފައެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވި ޕްރޮފެސަރ ރޮބިން ޑަޓޮކް ވިދާޅުވީ ވެކްސިން ޖަނަވާރުންނަށް ދީގެން ކުރި ޓެސްޓްތައް ވަރަށް ކާމިޔާބު ކަމަށެވެ. ޖަނަވާރު ބޭނުން ކޮށްގެން ކުރި ޓެސްޓްތަކުން މިއީ ރައްކާތެރި ވެކްސިނެއް ކަމާއި އަދި ކޮވިޑް-19 އާއި ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތް ކުރާނެ ވެކްސިނެއް ކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އިމްޕީރިއަލް ކޮލެޖުން ވެކްސިން އުފެއްދުމުގައި ބޭނުން ކުރާނީ މީގެ ކުރިން ވެކްސިން އުފެއްދުމުގައި ދުނިޔޭގައި ބޭނުން ކޮށްފައި ނުވާ އުސޫލެކެވެ. މިވެކްސިން އުފެއްދުމުގައި ބޭނުން ކުރާނީ ޖެނެޓިކް ކޯޑް އަމިއްލަ އަށް ބަދަލުވެ، ހަށިގަނޑުގައި ސެލްތައް އުފައްދާ އުސޫލެކެވެ.

އިމްޕީރިއަލް ކޮލެޖުން އުއްމީދު ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު މިވެކްސިން އިންސާނުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ވެސް މިހާރު ގެންދަނީ އިންސާނުން ބޭނުން ކޮށްގެން ވެކްސިނެއް ޓެސްޓް ކުރަމުންނެވެ. އެންމެ އަވަހަށް އިންސާނުން ބޭނުން ކުރެވޭ ވަރުވާނެ އެއް ވެކްސިނަކަށް އޮކްސްފޯޑްގެ ވެކްސިން ވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސައިންސްވެރިން އަންނަނީ ކުރަމުންނެވެ. މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 އަށް ތައްޔާރު ކުރާ 120 ވަރަކަށް ވެކްސިން އެކި މަރުހަލާތަކުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު