މިމަހުގެ 15 ވަނަ ދުވަހު އިންޑިއާ އަދި ޗައިނާ ސިފައިންނާއި ދެމެދު ކުރިމަތިލުންތައް ހިނގި ހުޅަނގު ހިމާލެޔާ ސަރަޙައްދުގައި ޗައިނާގެ އަސްކަރީ ކޭމްޕުތައް އަޅައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަން ހާމަވެފައިވަނީ ޗައިނާ އާއި އިންޑިއާގެ ކުރިމަތިލުމަށްފަހު އެ ސަރަޙައްދުގެ މަތީން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުންނެވެ. އެމެރިކާގެ ސްޕޭސް ފާމަކުން މިދިޔަ ހޯމަ ދުވަހު ނަގާފައިވާ މި ފޮޓޯތަކުން ފެންނަނީ އިންޑިއާގެ ބޯޑަރު ކައިރީގައި، އަދި މިމަހު ކުރިމަތިލުން ހިނގި ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި ޗައިނާގެ ގިނަ އަދަދެއްގެ އަސްކަރީ ކޭމްޕުތައް ޤާއިމްކޮށްފައިވާ މަންޒަރެވެ.

ހަމަނުޖެހުން ހިނގިތާ ދެހަފްތާވެސް ނުވަނީސް ޗައިނާއިން އަސްކަރީ ހަރތަކާތްތައް ހަލުވިކަމާއެކު ބޯޑަރު ސަރަޙައްދުގައި އިތުރުކުރަމުން ދާއިރު، އަސްކަރީ ގިނަ އަދަދެއްގެ އުޅަނދުތައް ވެސް އެ ސަރަޙައްދަށް ގެންގޮސްފައިވާކަން ފޮޓޯތަކުން ހާމަވެފައި ވެއެވެ.

ޗައިނާއިން ބޯޑަރު ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކުރަން ފެށުމުން، ދެޤައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުތަނަވަސްވުންތައް ވަނީ އިތުރުވާން ފަށާފައެވެ. އަދި މިއީ އިތުރު ވަރުގަދަ ކުރިމަތިލުމެއްގެ ހިނގަން އުޅޭކަމުގެ ނިޝާނެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. ބިމުގެ މިލްކުވެރިކަމުގެ މައްސަލައިގައި ކޯޅުންބޮޑު މި ދެޤައުމުގެ މެދުގައި 1962 އަހަރުވެސް ހަނގުރާމައެއް ކޮށްފައި ވެއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން ޗައިނާއިން އަންނަނީ އެ ސަރަޙައްދުގައި އެޤައުމުގެ އަސްކަރީ މަރުކަޒެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ޗައިނާގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ޗައިނާ އާއި އިންޑިއާގެ ކުރިމަތިލުންތަކަށް ފަހު ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުންދާކަން ހާމަވެފައި ވީނަމަވެސް އިންޑިއާއިން އެފަދަ ހަރަކާތެއް ކުރަމުންދާ ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އިންޑިއާއިން ވަނީ މި ހަމަނުޖެހުމަށްފަހު އެޤައުމުގެ ބޯޑަރު ސަރަޙައްދަށްވެސް އިތުރު ސިފައިން ފޮނުވާފައެވެ.

ދެޤައުމުގެ ސިފައިންގެ ދެމެދުގައި މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ހަމަނުޖެހުން ހިނގާފައި ވަނީ އިންޑިއާ ސިފައިން ޤަވާއިދާ ޚިލާފަށް ޗައިނާގެ ބޯޑަރު ސަރަޙައްދު ހުރަސްކުރުމުން ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ. މި ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެ، 70 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައި ވެއެވެ.

މި ހާދިސާގައި ޗައިނާ ސިފައިންގެ މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ޗައިނާ ސިފައިންނަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ.

ފާއިތުވެދިޔަ 45 އަހަރުގެ ތެރޭގައި ވެސް ޗައިނާ އާއި އިންޑިއާ އާއި ދެމެދު ހިނގި އެންމެ ވަރުގަދަ ކުރިމަތިލުމަށް މި ހާދިސާ ވެގެން ގޮސްފައި ވާއިރު، އިންޑިއާއިން ވަނީ މިކަމަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް އިސްނަގާފައެވެ. މިގޮތުން އިންޑިއާގެ އިސް އޮފިޝަލުންތަކެއް ޗައިނާގެ އޮފިޝަލުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައި ވެސް ވެއެވެ.