މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ހީނަރުވެފައިވާ ދުނިޔޭގެ އިޤްތިސާދު ކުރިން އޮތް ހާލަތަށް ގެންދިއުމަށް ދެއަހަރު ހޭދަވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެދް) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އައިއެމްއެފް އިން ބުނެފައި ވަނީ، ދުނިޔެއަށް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެފައި ވަނީ ބައެއް ޤައުމުތަކުގެ އިޤްތިސާދަށް ކުރިއެރުންތައް ލިބި، މިއަހަރުގެ އެ ކުރިއެރުންތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. ނަމަވެސް ފެތުރެންފެށި މި ބަލިމަޑުކަމާއެކު ޤައުމުތަކުގެ އިޤްތިސާދު ކުރިން ދުވަހަކުވެސް ދަށްނުވާ ހާލަތަށް ގޮސްފައިވަ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

އައިއެމްއެފް އިން ލަފާކުރާ ގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް ބާރަ ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވާނެއެވެ. މި ބަލީގެ ހާލަތު ބަދަލުވެގެންދާ ގޮތަކުން، އަދިވެސް މި މިންވަރު އިތުރުވެގެން ގޮސްދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މި ގެއްލުމުގެ ބަދަލު ލިބެން އަދި އެތައް ދުވަހެއް ނަގާފާނެ ކަމަށް އެ އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ.

ކޮވިޑް-19 ގެ ކުރީކޮޅު އިޤްތިސާދަށް އަސަރު ކުރާނެ ކަމަށް ބެލެވުނު މިންވަރަށްވުރެ އެތައް ގުނައެއް ބޮޑަށް މި ބަލިމަޑުކަމުގެ އަސަރު ދުނިޔޭގެ ޤައުމުތަކަށް އަންނަނީ ކުރަމުންނެވެ. އެއީ މި ބަލިމަޑުކަމަށް ލުއި ލިބި ޤައުމުތަށް އާ އާންމު ހާލަތަކަށް ގޮސް މަސައްކަތްތައް އިޤްތިސާދު ކުރިއެރުވުމަށް ގިނަ ހުރަސްތަކެއް އަދިވެސް ހުރުމުންނެވެ.

އައިއެމްއެފް އިން ލަފާކުރާ ގޮތުން ކޮވިޑް-19 ބަލިމަޑުކަމުން އަރައިނުގަނެވި، މި ބަލީގެ ދެވަނަ ރާޅަކާއި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ދުނިޔެ ކުރިމަތިލާން ޖެހިއްޖެ ނަމަ އިޤްތިސާދަށް އެއްވެސް ކުރިއެރުމެއް ނުލިބި، މި އަޑިގަނޑުން އަރައިގަތުމަށް ކުރިން ލަފާކުރި މުއްދަތަށްވުރެ ގިނަ ދުވަސް ނަގާނެއެވެ.

އަދި މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެނަމަ އަނަން އަހަރު ދުނިޔޭގެ އިޤްތިސާދަށް 5.4 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށްވެސް އައިއެމްއެފް އިން ލަފާކޮށްފައި ވެއެވެ.

ކޮވިޑް-19 ނުރައްކާ ދުނިޔޭގެ ގިނަ ޤައުމުތަކަށް އަދިވެސް އޮތްއިރު، ދުނިޔޭގައި ބަލި ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނައިސް ގިނަ ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ. މިހާތަނަށް މި ބައްޔަށް ކުރެވޭނެ ކާމިޔާބު ފަރުވާއެއް ނުވަތަ ވެކްސިނެއް ވެސް އުފެއްދިފައި ނުވެއެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދޭނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުއެވެ. މި ބައްޔަށް ވެކްސިނެއް ލިބުމުން މެދުވީ ބަލީގެ ނުރައްކާ ކުޑަވެގެން ނުދާނެ ކަމަށް ސިއްޙީ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.