ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގައި މަސައްކަތްކުރާ 150 ޕައިލެޓަކު ވަޒީފާއިން ސަސްޕެންޑު ކޮށްފިއެވެ.

ޕާކިސްތާން އެއާލައިންސްގެ ތަރުޖަމާނަކު ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައި ވަނީ، މި ޕައިލެޓުން ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ މަހު އެއާލައިނުގެ ފްލައިޓެއް ވެއްޓި 98 މީހަކު މަރުވި ހާދިސާ އާއި ގުޅިގެން ކުރިޔަށްގެންދާ ތަހުޤީޤުގެ ތެރެއިން ކަމަށެވެ.

ޕާކިސްތާން އެއާލައިންސް އިން ސަސްޕެންޑުކުރި ޕައިލެޓުންގެ ތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް، އެކަށީގެންވާ ތަމްރީނު ނުލިބި ޕައިލެޓް ލައިސަންސް ހޯދާފައި ތިބި މީހުން ކަމަށް ވެއެވެ. އެހެންކަމުން އެ މީހުންގެ މައްސަލަތައް ވަކީން ބަލައި ތަހުޤީޤު ކުރުމަށް އެއާލައިނުން ވަނީ ނިންމާފައެވެ.

ޕާކިސްތާން އެއާލައިންސްގައި މުޅި ޖުމްލަ މަސައްކަތްކުރަނީ 434 ޕައިލެޓުންނެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ޕައިލެޓުން ސަސްޕެންޑު ކުރުމުން މިހާރު މަސައްކަތް ކުރާނީ 284 ޕައިލެޓުންނެވެ. އެ އެއާލައިނުން ބުނެފައި ވަނީ މިކަމުގެ ސަބަބުން ބޮޑެތި ދަތިކަމާއި ދިމާވާނެ ކަމަށައި، ނަމަވެސް މި ނިންމުން ނިންމާފައިވަނީ އެއްވެސް "ރިސްކެއް" ނަގަން ބޭނުން ނުވާތީ ކަމަށެވެ.

ޕާކިސްތާނުން މީގެ ކުރިން 2019 އަހަރުވެސް ޤަވާއިދާ ޚިލާފަށް ލައިސެންސް ބޭނުންކުރާ ކަމުގެ ތުހުމަތުގައި 17 ޕައިލެޓަކު ސަސްޕެންޑުކޮށްފައި ވެއެވެ. އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުން އެޤައުމުގެ 860 ޕައިލެޓުންގެ ތެރެއިން 30 އިންސައްތަ ޕައިލެޓުން ލައިސެންސް ހޯދާފައިވަނީ ޤަވާއިދާ ޚިލާފަށެވެ.