އިންޑިއާގައި ހިނގި ހޮނު އެޅުމުގެ ހާދިސާތަކެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

އިންޑިއާގެ ޑިޒާސްޓާ މެނޭޖްމަންޓާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ހަމައެކަނި ބިހާރު ސްޓޭޓުން ވެސް ހޮނު އެޅުމުން 83 މީހަކު ވަނީ މަރުވެފައެވެ. އަދި އުއްތަރަ ޕްރަދޭޝް އިން މަދުވެގެން 20 މީހަކު މަރުވެފައިވާ ކަމަށް ވެސް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ. ހޮނު އެޅުމުގެ ސަބަބުން އަނިޔާވި 20 މީހަކަށް ބިހާރު ސްޓޭޓްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ވިއްސާރަ މޫސުމުގައި އިންޑިއާ އަށް ހޮނު އެޅުމަކީ ވަރަށް އާއްމު ކަމެކެވެ. ގިނަ ފަހަރަކަށް ހޮނު އެޅުމުގެ ސަބަބުން މީހުން މަރުވަނީ ގަސް ފަދަ ތަކެތި ވެއްޓި އަނިޔާ ވެގެންނެވެ. ނަމަވެސް އެންމެ ފަހުން މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހޮނު އެޅިއިރު މަގުމަތީގައި ތަފާތު މަސައްކަތްތައް ކުރަން އުޅުނު މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ ސަރުކާރުން ވަނީ މޫސުން ގޯސްނަމަ ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އާއްމުންނަށް އިލްތިމާސް ކުރަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހޮނުއެޅުމުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއާ ކިޔާފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އިންޑިއާ އިން ހޮނު އެޅުމުގެ ސަބަބުން 2300 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ހޮނު އެޅުމުން މަރުވާ މީހުންގެ ތަފާސް ހިސާބުތައް 2005 ވަނަ އަހަރު ވަކިން ބަލަހައްޓަން ފެށި ފަހުން ހޮނު އެޅުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް 2000 އަށް ވުރެ ގިނަ މީހުން އިންޑިއާ އިން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣެހެ

    އާމީން
    الحمد لله

    3
    1
    • ނަސްރު

      އަލްހަމްދުﷲ