ހޮނުއެޅުމުގެ ހާދިސާއެއްގައި އަވައްޓެރި އިންޑިއާއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

އިދާރާތަކުން ބުނާގޮތުން ހޮނުއަޅައިގެން 33 މީހަކު މަރުވެފައި ވާކަމަށާއި، އެމީހުން މަރުވީ އިންޑިއާގެ އިރުއުތުރުގައި އޮންނަ ބިހާރު ސްޓޭޓައި އުއްތަރ ޕްރަދޭޝް އިން ކަމަށެވެ. މި ސަރަޙައްދަށް ހޮނުއެޅުމުގެ ހާދިސާތައް ހިނގަމުން އަންނައިރު، މިއީ މި ސަރަޙައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

އިންޑިއާގެ ބައެއް ހިސާބުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ހޮނުއަޅައިގެން ގިނަ ބަޔަކު މަރުވިއިރު، ވައިގަދަވެ ގަހާއި ކަރަންޓު ކޭބަލްތައް ވެއްޓި ހިނގި ހާދިސާތަކުގައި ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވެއެވެ. ހަމަ އެހެންމެ މޫސުން ގޯސްވެފައިވާ ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ގެތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

މޫސުމީ ކާރިސާތަކާއި ހޮއެޅުމުގެ ހާދިސާތަކުގައި މީހުން މަރުވުމަކީ އިންޑިއާގައި ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. އާންމުކޮށް މިފަދަ ހާދިސާތައް ގިނަ ވަނީ އެޤައުމަށް ވިއްސާރަ މޫސުން ކުރިމަތިވާ ޖޫން އާއި ސެޕެޓެމްބަރާއި ދެމެދުއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާ ގޮތުން އެޤައުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ވިއްސާރަވާނެއެވެ. މި ސަބަބަށްޓަކައި އާންމުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.