ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައި ވަނިކޮށް، ދުނިޔެ އާ އާންމު ހާލަތަކަށް ދިއުމަށް މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ފްލައިޓް ދަތުރުކުރާ މީހުން މޫނު ނިވާކުރުން މަޖުބޫރުކުރަން ބައެއް އެއާލައިންތަކުން ނިންމައިފިއެވެ.

އެމެރިކާގެ ބައެއް ބޮޑެތި އެއާލައިންތަކުން މިހާރު މި އުސޫލު އިއުލާނުކޮށް އެގޮތަށް އަމަލު ކުރަން ފަށާފައިވާއިރު، އެއާލައިންތަކުން ބުނެފައިވަނީ ފްލައިޓްތަކުން ދަތުރުކުރާއިރު މި އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ދެން އެ އެއާލައިންތަކުން އިތުރަށް ދަތުރުކުރުމުގެ ފުރުސަތު ނުދީ "ބޭން" ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި އުސޫލަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ބައެއް މީހުންނާއި މެދު މިގޮތުގެ މަތީން ފިޔަވަޅު އަޅާފައިވާކަން ވެސް ބައެއް އެއާލައިންތަކުން ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި އެކު އަލުން ވައިގެ އުދުހުންތައް ފެށިގެން ދާއިރު، އެއާލައިންތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް، ޚާއްސަ އެކި އުސޫލުތައް އެކުލަވާލަމުންނެވެ. މިގޮތުން އެކި އެއާލައިންތަކުން އަމަލުކުރާ އުސޫލުތައް ތަފާތެވެ. ނަމަވެސް މިހާރު އޮޕަރޭޓްކުރަން ފަށާފައިވާ ހުރިހާ އެއާލައިންތަކެއްގައި ހެން މޫނު ނިވާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ވައިގެ އުދުހުންތައް އެކީހެން ހުއްޓުމަކަށް އައުމަށްފަހު، ބައެއް ބޮޑެތި އެއާލައިންތައް މިދިޔަ މޭއި މަހުން ފެށިގެން އަލުން ހިންގަން ފަށާފައި ވެއެވެ. އޭގެތެރޭގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު އެމެރިކާގެ މައި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ޑެލްޓާ އާއި ޔުނައިޓެޑް އަދި އެމެރިކަން އެއާލައިންސް ހިމެނެއެވެ. މި އެއާލައިންތަކުން ވެސް މިހާރު ވަނީ މޫނު ނިވާ ނުކުރާ މީހުން "ބޭން" ކުރުމުގެ އުސޫލު އިއުލާނުކޮށްފައެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރޭތާ އެތައް ދުވަހެއްވެ ޤައުމުތައް ހުއްޓުމަކަށް އައިސްފައި އޮންނަތާ ދުވަސްތަކެއް ވެފައި ވާއިރު، މި ބަލިމަޑުކަމަށް ގިނަ ޤައުމުތަކުގައި އަދިވެސް އެއްވެސް ކޮންޓްރޯލެއް ނާދެއެވެ. އެހެންކަމުން ގިނަ ޤައުމުތަކުން މިހާރު މަސައްކަތްކުރަމުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޯޑަރުތައް އަލުން ހުޅުވާލުމަށެވެ.

މިއާއެކު ވައިގެ އުދުހުންތައް އިތުރުވެ ދަތުރުކުރާ މީހުން އިތުރުވެގެން ދާއިރު، ބަލި ފެތުރިދާން މެދުވެރިވާ ކަންކަމަށް ސަމާލު ނުވެވިއްޖެ ނަމަ މިހާރު ދުނިޔެ އޮތް ހާލަތަށް ވުރެ، ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ސިއްޙީ މާހިރުން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެޑްމުންޑޯ

    މޫނުނިވާކުރާތީ މުސްލިމުންނަށް ފުރައްސާރަކޮށް ފްލައިޓުބް ބޭރުކޮއްހެދި މީހުން މިއަދު މިބަދަލުވިގޮތް އިބުރަތަކަށް ނުވޭތޯ

    7
    1