ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އީރާނުގައި މީހުން އާންމު ތަންތަނުގައި އުޅޭއިރު މޫނު ނިވާކޮށް މާސްކު އެޅުމަށް މަޖުބޫރުކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމަވާފައި ވަނީ އީރާނުގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއެކު، އާ އާންމު ހާލަތުގައި އަންނަ ހަފްތާއިން ފެށިގެން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް ނެރެފައިވާ އުސޫލެއްގެ ދަށުންނެވެ.

އީރާނުގެ ހުރިހާ ހިސާބެއްގައި އާންމު ތަންތަނަށް މީހުން ނިކުންނައިރު މާސްކު އަޅަންޖެހޭ މި އުސޫލަކީ ސީދާ އެޤައުމުގެ ރައީސް ހަސަން ރޫޙާނީގެ ނިންމެވުމެއް ކަމަށް އެޤައުމުގެ އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

މި އުސޫލާއި އެއްގޮތަށް އަމަލުކުރަން ޖެހެނީ ޖުލައި 5 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށެވެ. ނަމަވެސް ހާލަތު ބަދަލުނުވާނަމަ މި އުސޫލު އަންނަ އޮގަސްޓު މަހާއި ހަމައަށްވެސް ދިގު ދަންމަން ޖެހިދާނެ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އީރާންގެ ރައީސް ވިދާޅުވެފައި ވަނީ، މިއަހަރަކީ އެޤައުމަށް އިޤްތިސާދީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ އަހަރު ކަމަށެވެ. ނަމަވެސް އެންމެން ގުޅިގެން މަސައްކަތްކޮށް ހާލަތުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރޫޙާނީ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުމާއި ގުޅިގެން އީރާނުގައި މާރިޗު މަހުން ފެށިގެން ވަނީ ފުރަބަންދު އިއުލާނުކޮށްފައެވެ. ނަމަވެސް މި ހާލަތަށް މިދިޔަ އޭޕްރިލް މަހު ވަނީ ލުއިދޭން ފަށާފައެވެ. މިގޮތުން އެޤައުމުގައި ވެސް ލުއިދެމުން ދަނީ، އެހެން ގިނަ ޤައުމުތަކެކޭވެސް އެއްފަދައިން ފޭސްތަކަށް ބަހާލައިގެންނެވެ.

ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އީރާން ވެސް ހިމެނެއެވެ. މިގޮތުން ދުނިޔެއިން ދިހަ ވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާ އީރާނުން މިހާތަނަށް ޖުމްލަ 222000 މީހަކު ފައްސިވެ، އޭގެތެރެއިން ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

އީރާނުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 183310 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އަދި މިހާރު ފަރުވާދެމުންދާ 28851 މީހުންގެ ތެރެއިން 2946 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ކަމަށް ވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

މާރިޗު މަހު ކޮވިޑް-19 ނުރައްކާ އިތުރުވެގެން ދިއުމަށްފަހު އީރާނުގައި މިދިޔަ އޭޕްރިލް މަހު ބަލީގެ ވޭދަނަތަށް ދަށްވެފައި ވެއެވެ. ނަމަވެސް އަނެއްކާ ވެސް މޭއި މަހުން ފަށައިގެން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެޤައުމުން އެންމެ ފުރަތަމަ ކޮވިޑް ފެނިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.