ކޮވިޑް-19 އަށް ބޭހެއް އުފެއްދުމަށް ސައުދީ އަރަބިއްޔާ އިން އެމެރިކާގެ ސައިންސްވެރިންނާއި އެކު ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރު ބޭނުން ކުރެވޭ ވަރަށް ކޮވިޑް-19 އަށް ހާއްސަ ބޭހެއް އުފައްދާށެވެ. މިމަސައްކަތުގައި ސައުދީ އަރަބިއްޔާ އަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ޕެންސިލްވޭނިއާގައި ހުންނަ ޕިޓްސްބާގް ޔުނިވަސިޓީގެ ސައިންސްވެރިންނެވެ.

ސައުދީ އަރަބިއްޔާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެގައުމުން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ބޭހަކީ ކުރު މުއްދަތެއް ވަންދެން މީހުންގެ ހަށިގަނޑު ކޮވިޑް-19 އިން ސަލާމަތް ކޮށްދީ، އަދި ބަލި ޖެހުމުން ބަލިން ރަނގަޅު ވެސް ކޮށްދޭނެ ބޭހެކެވެ.

"ހަށިގަނޑަށް އެކަށީގެންވާ މިންވަރެއްގެ އެންޓިބޮޑީއެއް ފޮނުވާލެމުން ބަލި ނުޖެހި މަސްތަކެއް ވަންދެން ހުންނާނެ. އަދި މިފަދަ ފަރުވާ އަކުން ބަލިން ރަނގަޅު ވެސް ކޮށްދޭނެ." ސައުދީ އަރަބިއްޔާގެ ސައުދީ ވެކްސް ކުންފުނީގެ އިސް ބޭފުޅެއް ކަމަށްވާ ޑޮނަލްޑް ގާސަން ވިދާޅުވިއެވެ. ގާސަން ވަނީ ތަފާތު ބަލިތަކަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ސައުދީ އަރަބިއްޔާގައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ވެސް ސައުދީ އަރަބިއްޔާ އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް ވެކްސިނަކަށް ވުރެ ކުރިން ބޭހެއް އުފެއްދިދާނެ ކަމަށް ސައުދީ އަރަބިއްޔާގެ އޮފިޝަލުން އުއްމީދު ކުރެއެވެ.

ސައުދީ އަރަބިއްޔާ އިން މިހާތަނަށް 182,493 މީހުން ކޮވިޑް-19 އަށް ފައްސިވެ، 1,551 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު