ހަތިޔާރާއި އެކު ހަނގުރާމަވެރިންތަކެއް ޕާކިސްތާންގެ ކަރާޗީގައި ހުންނަ ސްޓޮކް އެކްސްޗޭންޖްގެ އިމާރާތައް ދިން ހަމަލާގައި ފަސް މީހަކު މަރާލައިފިއެވެ.

ޕާކިސްތާންގެ މީޑިއާތަކުން ބުނާ ގޮތުގައި ހަތިޔާރު ބަޔަކު ދިން ހަމަލާގައި ފުލުހުންގެ ސަބް އިނިސްޕެކްޓަރަކާއި ސޮޓޮކް އެކްސްޗޭންޖްގެ ޑިއުޓީގައި ތިބި ހަތަރު ގާޑަކު މަރާލާފައިވާ ކަމަށެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ސްޓޮކް އެކްސްޗޭންޖަށް ހަމަލާ ދިނީ ހަތަރު ހަނގުރާމަވެރިންނެވެ. ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެހަތަރު މީހުން ވެސް މަރާލާފައެވެ.

ފުލުހުން ޕާކިސްތާންގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ވަރަށް ވަރުގަދަ ހަތިޔާރާއި އެކު ހަނގުރާމަވެރިން ސްޓޮކް އެކްސްޗޭންޖް އިމާރާތައް ހަމަލާ ދިނީ އެތަނުގެ ޕާކިން ޒޯނުގައި އެމީހުން ދަތުރު ކުރި ކާރު ޕާކް ކުރުމަށް ފަހު، އިމާރާތުގެ ކުރިމައްޗަށް ހިނގާފައި އައިސް ކަމަށެވެ.

ފުލުހުންގެ ބޮމް ސްކޮޑް އިން މިހާރު ވަނީ ހަނގުރާމަވެރިން ދަތުރު ކުރި ކާރު ފާސްކޮށް، ގޮވާއެއްޗެއް އޭގައި ނެތް ކަން ކަށަވަރު ކޮށްފައެވެ.

ހަމަލާތައް ދޭން ފެށުމުން އިމާރާތުގައި ތިބި މީހުން ކަންބޮޑުވެ، ބައެއް މީހުން ޕެނިކް ވުމުން ފަރުވާ ދޭން ޖެހިފައި ވެއެވެ.

ޕާކިސްތާންގެ ސްޓޮކް އެކްސްޗޭންޖަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އަދި މިއީ ކޮން މަޤުޞަދެއްގައި ދިން ހަމަލާއެއް ކަމެއް ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ޕާކިސްތާންގައި ދޭތެރެ ދޭތެރެއިން ހަނގުރާމަވެރިން ހަމަލާތައް ދިން ނަމަވެސް ކަރާޗީގައި މިފަދަ ހަމަލާއެއް ދިނުމަކީ ވަރަށް ނާދިރު ކަމެކެވެ. އާއްމު ގޮތެއްގައި މިފަދަ ހަމަލާތައް ދީފައި ވަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދީ އިމާއި ކައިރި ސިޓީތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯލްޑިވިޔަން

    މުސްލިމުން ފަރިތަ ކަ މެއް މީ