ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އަވައްޓެރި ސްރީލަންކާގެވެސް އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ތާރީހް ފަސްކޮށްފިއެވެ.

ކޮވިޑް-19ގެ ހާލަތު އެ ގައުމުގައި މިހާރު އޮތީ ކޮންމެވެސް ވަރަަކަށް ރަނގަޅުވެފައެވެ. މިހާރު އެ ގައުމުން ވޭދަނަތައް (ކޭސްތައް)ފެންނަމުން ދަނީ ވަރަށް މަދުންނެވެ. އަދި މިހާރު މުޅި އެ ގައުމުގައި އިއުލާނުކޮށްފައި އޮތް ކާފިއުވެސް ވަނީ އުވާލާފައެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކުރިން އޮގަސްޓް އެއް ވަނަ ދުވަހު ލަންކާގެ ވައިގެ ބަދަރުތައް ހުޅުވަން ނިންމާފައި އޮތްއޮތުން ބަަދަލުކޮށްފައި ވަނީ، އެ ގައުމުތަކުގައި ތާށިވެފައި ތިބި އެ ގައުމުގެ މީހުން ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން އެ ގައުމުގެ އިންޓަނޭޝަނަލް އެއާޕޯޓްތައް ބަންދު ކުރީ މާރިޗް މަހުގެ މެދު ތެރޭގައެވެ.

އެ ގައުމުން ސަރުކާރުން ކުރިން ނިންމާފައި އޮތީ އޮގަސްޓް 1 ގައި އެއާޕޯޓްތައް ހުޅުވަން ނަމަވެސް، އެއާޕޯޓް އޮތޯރިޓީ ޗެއާމަން ރިޓަޔާޑް މޭޖަރ ޖެނެރަލް ޖީއޭ ޗަންދްރަސިރީ ވިދާޅުވީ، ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް އޮގަސްޓް 1ގައި ނުހުޅުވާނެ ކަމަށާއި، އެ އެއާޕޯޓް ހުޅުވަން ފަސްކޮށްފައިވާ ކަަމަށެވެ.

"މިގޮތަށް ފަސް ކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގައި ތިބި އެ ގައުމުގެ މަސައްކަތްތެރިން ގެނައުމުގައި ހަމަޖައްސަންޖެހޭ ކަންތައްތައް ހުރުމުން" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް 12000 މީހުން މިގޮތަށް ގެނައި ނަމަވެސް، ގެންނަން ޖެހޭ 40000 މީހުން އެބަތިބި ކަމަށެވެ. އަދި މިހާރު ބޮޑަށް އިސްކަމެއް ދެމުން ދަނީ އެ މީހުން ގެންނަން ކަމަށް އޭނާ ވިދާޅުވިއއެވެ.

ލަންކާގައި ކޮވިޑް-19 ޖެހިގެން 11 މީހަކު ވަނީ މަރުވެފައެވެ. އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދުތައް 2000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ޖޫން 1 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި މި ވައިރަސް ޖެހިގެން މީހަކު މަރުވެފައއް ނުވެއެވެ.