ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް އެމެރިކާ މީހުން "ބޯހަރު ކަމުން" ބަލި ފެތުރުން ކޮންޓްރޯލް ކުރުން އެއީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ކޮވިޑް-19 އާއި ގުޅޭ އެމެރިކާގެ އެންމެ އިސް ސައިންސްވެރިޔާ ޑރ.އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ފައުޗީ ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުނު ނަމަވެސް އެމެރިކާގެ ހުރިހާ ރައްޔިތުންނަކީ ކިޔަމަންތެރިކަމާއި އެކު ވެކްސިން ޖަހާނެ ބައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ކޮވިޑް-19 އަށް އުފައްދާ ވެކްސިނަކީ ސައްތަ އިން ސައްތަ ބަލިން ރައްކާތެރި ކޮށްދޭނެ ވެކްސިނަކަށް ނުވެދާނެ. ވެކްސިންގެ އިފެކްޓިވް ރޭޓް ހުންނާނީ 97 ނުވަތަ 98 އިންސައްތައިގައި. ނޫނީ އެރޭޓް 70 އިންސައްތަ ނުވަތަ 75 އިންސައްތައިގައި ވެސް ހުރެދާނެ." ފައުޗީ ވިދާޅުވިއެވެ.

ފައުޗީ އަކީ އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރ ޖެނެރަލް އެވެ.

"ސީއެންއެން" އިން މިދިޔަ މަހު ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ކިތައްމެ އަގުހެޔޮ ވެކްސިނެއް ކޮވިޑް-19 އާއި ދެކޮޅަށް އުފެއްދި ނަމަވެސް އެމެރިކާގެ ކޮންމެ ތިން މީހަކު އެކަކު ވެކްސިން ޖަހާކަށް ބޭނުމެއް ނުވެއެވެ. ވެކްސިންގެ އަގު ބޮޑުވެއްޖެ ނަމަ އަދި މިއިންސައްތަ އެތައް ގުނައެއް މަތިވުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފައުޗީ ވިދާޅުވީ ވެކްސިން ދިނުމަކީ ރަނގަޅު ކަމެއް ކަމަށް އެމެރިކާ މީހުންނަށް ވިސްނައި ދިނުން އެއީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތަކަށް ވާނެއެވެ. އެހެންކަމުން އެމެރިކާ އަށް އޮތީ ކޮވިޑް-19 ފެތުރި "ހާޑް އިމިއުނިޓީއެއް" އައުން ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް އެމެރިކާގެ ކުންފުނިތަކުން ވެސް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. އެމެރިކާ ސަރުކާރުން އުއްމީދު ކުރަނީ އަންނަ އަހަރު ފެށެން ވާއިރަށް އެމެރިކާ ކުންފުނިތަކުން އުފައްދާ ވެކްސިން ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު