ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން، ކުށްކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޤައުމުތަކުގައި ކުށްކުރުން ބޮޑުތަނުން މަދުވެފައި މިވަނީ، ވައިރަސް އާއި ގުޅިގެން ގިނަ ޤައުމުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅާފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން ނޫސްތަކަށް މަޢުލޫމާތު ދިން އެމެރިކާގެ ވަކީލުންގެ ޓީމަކުން ބުނެފައިވަނީ، އެޤައުމުގައި ކުށްކުރުމުގެ މައްސަލަތައް ފާއިތުވެދިޔަ ދުވަސްތަކުގައި މަދުވެފައިވާ ކަމަށެވެ. އެގޮތުން އެޤައުމުގައި ކުށްކުރުން އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ކުށްތައް ގިނަ އެއް ސްޓޭޓް ކަމަށްވާ، ޗިކާގޯ ގައި ވެސް ބައެއް ބާވަތްތަކުގެ ކުށްކުރުން 42 އިންސައްތައަށް ދަށްވެފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެފަރާތްތަކުން ބުނެފައިވާ ގޮތުގައި ޗިކާގޯ ގައި މި ދުވަސްވަރު އެންމެ ބޮޑަށް މަދުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. މިފަދަ މައްސަލަތައް އެ ސަރަޙައްދުގައި ހީނުކުރާ މިންވަރަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި މަދުވެފައިވަނީ، ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކާއެކު ޤައުމުތަކުގައި ކުށްކުރުން މަދުވެފައިވާއިރު، މި ފިޔަވަޅުތައް އުވާލުމާއެކު އަނެއްކާވެސް ކުށްކުރުން އިންތިހާއަށް އިތުރުވެގެން ގޮސްދާނެ ކަމަށްޓަކައި އޮފިޝަލުން ކަންބޮޑުވުން ފާޅުކުރެއެވެ. އެހެންކަމުން ކޮވިޑް-19 އަށް ފަހު ކުށުގެ ވެށިން ކުރިމަތިވެދާނެ އިތުރު ނުރައްކާތަކަށް ތައްޔާރުވާން ޖެހޭ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

އެމެރިކާގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުން ވެސް ވަނީ، ކޮވިޑް-19 އާއި ގުޅިގެން އެޤައުމުތަކުގައި ކުށްކުރުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށްފައެވެ. ނަމަވެސް އިންޓަނެޓްގެ ޒަރިއްޔާއިން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުން ފަދަ މައްސަލަތައް މިދުވަސްވަރު އިތުރުވެފައިވާކަން ބައެއް ޤައުމުތަކުން ފާހަގަކުރެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ލެއި

    ދުނިޔޭގަ މަދުވިޔަސް ރާއްޖޭގަ ކުއްކުރާމީހުން އިތުރުވަނީ ވައްކަން ކުރުމާ މަސްތުވާތަކެތީގެ މައްސަލަ އިންތިހާޔައް އިތުރުވީ. ވައްކަން ކުރާ މީހުން ވީޑިއޯ އާއި އެއްކޮށް ފުލުހައް ހުށަހެޅީމަވެސް ބުނަނީ ވީޑިއޯ އަކީ ބައި ގަރީނާއޭ. ކޮބާ މިކަންތައް އިސްލާހު ކުރަން ސުޕަ މެޖޯރިޓީ ދީފަ ހޮވާފަ އޮށް ނުކުޅެދޭ މަޖިލީސް ދެން ނައަންނާތި ވޯޓް ހޯދަން މިހާރު ދައްކާނެ އެއްވެސް ބަހަނާއެއް ނޯންނާނެ. ހުރިހާބާރެއް ކަލޭމެން އަތުގަ ކަންކަން އިސްލާހު ނުވެގެން އުޅެނީ ބޮޑުވަޒީރުކަން ނުލިބިގެންތޯ މިހާރު

  2. މޯޑް

    އަލްޙަމްދުލިއްލާހި