ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އިން އަރައިގަނެވެން އަދި ގާތެއްވެސް ނުވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

އިއްޔެ ނޫސްތަކުގައި ވާހަކަ ދައްކަވަމުން، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އަދަނޮމް ވިދާޅުވީ ކުރިޔަށް އޮތީ ދުނިޔެއަށް ނުރައްކާ އިތުރު ދުވަސްތަކަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން އަރަން އުޅޭ ބޮޑު ރާޅާއި މެދު ސަމާލު ނުވެވިއްޖެ ނަމަ ލިބޭ ގެއްލުން ހީނުކުރާހައި ބޮޑުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދަނޮމް މިގޮތަށް ވިދާޅުވެފައި މިވަނީ، ކޮވިޑް-19 ފެތުރުން ދުނިޔޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެ، މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ދިހަ މިލިއަނަށް އަރާފައި ވަނިކޮށެވެ.

"ބަލި ފެތުރުން ކުރިޔަށްވުރެ ވީ އިތުރު. އެހެންކަމުން ކުރިޔަށްވުރެ ބަލީގެ ނުރައްކާ މިހާރު ބޮޑު. ފަރުވާތެރި ނުވެވިއްޖެ ނަމަ މި ބަލިން އަރައިގަތުމަކީ ދުރުގައިވާ ކަމެއް. މިއީ އާދައިގެ ބަލިމަޑުކަމެއް ކަމުގައި ދެކިގެން ނުވާނެ،" އަދަނޮމް ވިދާޅުވިއެވެ.

އަދަނޮމް ވިދާޅުވީ، މީގެ ހަމަސް ކުރިން ދުނިޔޭގައި ކޮވިޑް-19 ފެށުމުގެ ކުރީން، ދުނިޔެ މި ޙާލަތަށް ގޮސްދާނެ ކަމަށް އެއްވެސް ބައެއްގެ ހިތަށް އަރާފައި ނުވާއިރު، މިފަދަ ނުރައްކަލަކަށް ދުނިޔެއަށް ތައްޔާރުވެވިފައި ނެތުމަކީ ބަލީގެ ނުރައްކާ ދެގުނަވެގެން ދިޔަ ސަބަބު ކަމަށެވެ.

އެހެންކަމުން މިއީ މިހާތަނަށް ދުނިޔެއަށް ކުރިމަތިވާ މިފަދަ އެންމެ ބޮޑު ނުރައްކާ ކަމަށާއި، މި ނުރައްކަލުން އަރައިގަތުމަކީ ކައިރި މުސްތަޤުބަލެއްގައި ވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އަދަނޮމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާއިރު، އަދިވެސް މި ބައްޔަށް ކުރެވޭނެ ސީދާ ފަރުވާއެއް ނުވަތަ ވެކްސިނެއް އުފެއްދުމުގައި ކާމިޔާބެއް ލިބިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ބަލީގެ ބިރު ވަނީ އިތުރުވެގެން ގޮސްފައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް ފެނިފައި ވެއެވެ. ޤައުމުތަކުން މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.