ކޮވިޑް-19 ގެ ހާލަތަށްފަހު، ބައިނަލްއަޤުވާމީ ދަތުރުތަށް ތައިލޭންޑު އަލުން ހުޅުވާލަން ނިންމައިފިއެވެ.

ތައިލޭންޑުގެ އިދާރާތަކުން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޤައުމުގެ ބޯޑަރުތައް ބަންދުކޮށް ބައިނަލްއަޤުވާމީ ދަތުރުފަތުރުކުރުން ހުއްޓުވާފައިވާ ނިންމުން އުވާލައި، ބައިނަލްއަޤުވާމީ ދަތުރުތަކަށް ޤައުމަށް އަލުން ހުޅުވާލުމަށް ނިންމާފައިވަނީ ޖުމައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ތައިލޭންޑުން ބައިނަލްއަޤުވާމީ ދަތުރުތައް ފެށުމަށް ނިންމާފައި މިވަނީ، އެޤައުމުގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ހިފެހެއްޓިވައިވުމާއެކު ބަލި ޖެހުނު ގިނަ މީހުން ރަނގަޅުވެފައި ވަނިކޮށެވެ. މިއާއެކު އެޤައުމުގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ވެސް ބޮޑެތި ލުއިތަކެއް ދިނުމަށް އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ބައިނަލްއަޤުވާމީ ދަތުރުތައް ފެށުމުގެ ހުއްދަ ދިނުމުން، ތައިލޭންޑަށް ވިޔަފާރީގެ ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކާއި، އެޤައުމުގެ ވޯކް ޕާމިޓް ނުވަތަ ރަށްވެހިކަން އޮންނަ މީހުންގެ އިތުރުން އެޤައުމުގެ ރައްޔިތުންނާއި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޤައުމަށް އެތެރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ތައިލޭންޑުގެ ސަރުކާރުން އެކުލަވާލާފައިވާ "ސެންޓަރ ފޯ ކޮވިޑް-19" އިން ވަނީ، ޖުލައި މަހުން ފެށިގެން އެޤައުމުގެ އާންމު ޚިދުމަތްދޭ ރެސްޓޯރެންޓާއި، އާންމު ހަރަކާތްތައް ކުރިޔަށް ގެންދިއުމުގެ ހުއްދަވެސް ދޭން ނިންމާފައެވެ. ނަމަވެސް މި ހުއްދަތައް ލިބިދެނީ، އިދާރާތަކުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ތައިލޭންޑަކީ ޗައިނާއަށްފަހު ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވި ޤައުމެވެ. އެޤައުމުން އެންމެ ފުރަތަމަ މި ބަލީގެ ވޭދަނަ އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. އެއަށްފަހު އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވެގެން ގޮސްފައި ވާއިރު، ބަލީގެ ނުރައްކާ އެންމެ ބޮޑުވީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. މިކަމާއި ގުޅިގެން ތައިލޭންޑުގައި ވަނީ ހަރުކަށި ފުރަބަންދެއް ހިންގާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ތައިލޭންޑުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ ކުރިޔާއި އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެގެން ގޮސްފައެވެ. 69 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިލޭންޑުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދަކީ 3169 އެވެ. އޭގެތެރެއިން އިއްޔެ ފައްސިވެފައި ވަނީ ހަތް މީހެކެވެ. އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވީ 58 މީހެކެވެ.

ތައިލޭންޑުގެ އިދާރާތަކުން ބުނާގޮތުން އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3053 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު މި ބައްޔަށް އެޤައުމުގައި ފަރުވާދެމުންދަނީ 58 މީހަކަށް ކަމަށާއި، އޭގެތެރެއިން ސީރިއަސް ހާލުގައި ފަރުވާދެނީ އެންމެ މީހަކަށް ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.