ރަޝިޔާ ކައިރިން ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތަކެއް އެ ސަރަޙައްދުން ފޮނުވާލައިފިއެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުން، އެޤައުމު ކައިރިން އެމެރިކާގެ ދެ އުޅަނދެއް ވަނީ ފޮނުވާލާފައެވެ. މިކަން ހިނގާފައި ވަނީ އެމެރިކާގެ އުޅަނދުތައް ރަޝިޔާގެ ބޯޑަރާއި މާބޮޑަށް ކައިރިވުމުންނެވެ. ރަޝިޔާއިން އެމެރިކާގެ މަތިންދާ ބޯޓުތައް އެ ސަރަޙައްދުން ދުރުކުރީ، ހަނގުރާމަމަތީ ޖެޓުތަކެއް ފޮނުވައި އިންޒާރު ދީގެންނެވެ. ނަމަވެސް މި ހާދިސާގައި ހަމަލާ ބަދަލުކޮށްފައެއް ނުވެއެވެ.

ބްލެކްސީ ސަރަޙައްދުން ރަޝިޔާގެ ޖެޓްތަކުން އެމެރިކާގެ އަސްކަރީ އުޅަނދުތައް ފޮނުވާލާފައި ވަނީ، އެމެރިކާއިން އެ ސަރަޙައްދުގައި އަސްކަރީ ހަރަކާތްތަކެއް ކުރިޔަށް ގެންދަނިކޮށެވެ. މިއީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދެއް ކަމުގައި ވާއިރު، އެމެރިކާއިން ބުނެފައި ވަނީ އެޤައުމުގެ އުޅަނދުތައް ހަރަކާތްތެރިވާ ޤަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ.

މިކަމާއި ގުޅިގެން ރަޝިޔާގެ އިދާރާތަކުން ބުނެފައި ވަނީ، ރަޝިޔާއިން ދީފައި ވަނީ އިންޒާރެއް ކަމަށާއި އެޤައުމުން އެމެރިކާގެ އުޅަނދުތަކަށް ނުރައްކަލެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަން ހިންގާފައި ވަނީ އާންމު އުސޫލުތަކާއި އެއްގޮތަށް، ބޯޑަރާއި ކައިރިވުމުންދޭ ސިގްނަލެއްގެ ގޮތުން ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ރަޝިޔާގެ ޖެޓްތައް ވަނީ، އެމެރިކާގެ އަސްކަރީ މަތިންދާ ބޯޑުތައް އެ ސަރަޙައްދުން ދުރަށް ދަންދެން ހަރަކާތްތެރިވެފައެވެ. އަދި ވަކި ދުރުމިނަކަށް ބޯޓުތައް ދިއުމުން ޖެޓުތައް ވަނީ އަނބުރާ ލާފައެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް ރަޝިޔާގެ ބޯޑަރު ސަރަޙައްދުން އެހެން ޤައުމުތަކަށް ނިސްބަތްވާ 33 އުޅަނދެއް ހަރަކާތްތެރިވެފައި ވެއެވެ. މީގެ އިތުރުން ބޯޑަރު ކައިރިއަށް ޑްރޯންތައް ފޮނުވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަމަށް އަސްކަރިއްޔާ އަބަދުވެސް އޮންނަނީ ފާރަވެރިވެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.