ކޮވިޑް-19 ފުރަތަމަ ފެތުރުނު ގޮތް އިތުރަށް ދިރާސާ ކުރުމަށް ޗައިނާ އަށް ތަޖުރިބާކާރުންގެ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރޭސަސް ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅު ޗައިނާ އިން ފެނުނު ވައިރަސް ފުރަތަމަ ފެތުރުނު ގޮތް ދެނެގަތުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެހެން ކަމުން އެމަސައްކަތް ކުރުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ޗައިނާ އަށް ދާނެ ކަމަށެވެ.

"ވައިރަސް ފުރަތަމަ އުފެދިގެން އައި ގޮތް ދެނެގަތުން އެއީ ވަރަށް، ވަރަށް މުހިއްމު ކަމެއް." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ވައިރަސްގެ ހުރިހާ މައުލޫމާތެއް އެނގުމުން ވައިރަސް ފެށުނު ހިސާބު ހޯދަން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. "އެމަސައްކަތް ކުރުމަށްޓަކައި އަންނަ ހަފްތާގައި އަހަރެމެން ޗައިނާ އަށް ޓީމެއް ފޮނުވާނަން. ވައިރަސް ފެތުރުނު ގޮތް ދެނެގަތުމަކީ ކުރިއަށް އޮތްތަނަށް ތައްޔާރު ވުމަށް ވެސް ވަރަށް މުހިއްމު ކަމެއް." ޓެޑްރޯސް ވިދާޅުވިއެވެ.

ފުރަތަމަ ގަބޫލު ކުރެވުނު ގޮތުގައި ކޮވިޑް-19 ފެތުރުނީ ޗައިނާގެ ވޫހާންގައި ހުންނަ މަހާއި ޖަނަވާރު ވިއްކާ މާރުކޭޓަކުންނެވެ. ނަމަވެސް ފަހުން ޗައިނާގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ވޫހާންގެ މާކެޓަކީ ފުރަތަމަ ވައިރަސް ފެނުނު ތަނަށް ނުވެދާނެ ކަމަށެވެ.

އޭގެ ފަހުން މިދިޔަ ހަފްތާގައި ސައިންސްވެރިން ބުނެފައި ވަނީ ކޮވިޑް-19 ޗައިނާ އިން ފެނުމުގެ ކުރިން އިޓަލީ އާއި ސްޕޭންގައި ވައިރަސް އޮތް ކަމަށެވެ. އެކަން އެނގުނީ އެދެގައުމުގެ ފެން ދިރާސާ ކުރިއިރު، ފެނުނުން ކޮވިޑް-19 ފެނިފައި ވާތީއެވެ. މިހާރު ކޮވިޑް-19 ފުރަތަމަ އިންސާނުންގެ ގަޔަށް ފެތުރެން ފެށީ ޗައިނާ އިން ކަމަށް ބުނަން ދަތިކަމަށް ބައެއް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު