ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ދުނިޔެއިން ފައްސިވީ މީހުންގެ އަދަދު 10.5 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 10,508,219 އެވެ.

ދުޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިއަދު ދިހަ މިލިއަނަށް އަރާފައި ވާއިރު، އިއްޔެ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 160,985 މީހަކަށް މުޅިން އަލަށް މި ބަލި ޖެހިފައި ވެއެވެ. އަދި ފާއިތުވެދިޔަ އެއް ހަފްތާ ތެރޭގައި ފައްސިވީ މީހުންގެ އަދަދު 1.2 މިލިއަނަށް އަރައެވެ.

މިދިޔަ މޭއި މަހުގެ މެދެއްހާ ހިސާބުގައި، ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، އަނެއްކާވެސް ބަލީގެ ނުރައްކާ ދުނިޔެއަށް ވަނީ ބޮޑުވާން ފަށާފައެވެ. މިގޮތުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ހިމެނެއެވެ. މީގެ ތެރެއިން އެމެރިކާއިން މިހާތަނަށް ޖުމްލަ 2.7 މިލިއަން މީހަކަށް ބަލި ޖެހި 129000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމައެހެންމެ އަވައްޓެރި އިންޑިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ. އެޤައުމުން މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 17000 އަށް އަރާފައެވެ. އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދުން މި ބަލީގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 510,903 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ، 5.7 މިލިއަން މީހެކެވެ. މިއަދާއި ހަމައަށް މި ބަލީގައި ހަތަރު މިލިއަން މީހުންނަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 57,719 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު މިހާތަނަށް 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައިނުވާ މި ބަލިމަޑުކަމަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު